ކީޕަރު ކަރުގައި ހިފުމާއި ގުޅިގެން އިބްރަހިމޮވިޗަށް 2 މެޗުގެ ސަސްޕެންޝަނެއް އައިސްފިއެވެ.
މިސަސްޕެންޝަންއާއެކު އެލްއޭ ގެލެކްސީއަށް ކުޅެމުން އަންނަ ސްވިޑެންގެ ތަރި އިބްރަހިމޮވިޗަށް އެލްއޭ ގެލެކްސީގެ ކުރިއަށް އޮތް ދެމެޗު، ކޮލޮރާޑޯއާއި ދެކޮޅަށް ކުޅޭ މެޗާއި، އޮލެންޑޯ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.
އިބްރަހިމޮވިޗަށް މިސަސްޕެންޝަންއައީ ނިއުޔޯކް ސިޓީ އެފްސީގެ ގޯލްކީޕަރު ޝޯން ޖޯންސަންގެ ކަރުގައި ހިފި މައްސަލާގައެވެ. މިދިޔަ އާދިއްތަދު ދުވަހު ކުޅުނު މިމެޗުގައި ނިއުޔޯކް ސިޓީ އެފްސީ އަތުން އެލްއޭ ގެލެކްސީ ދަށްވީ 2-0 ގެ ނަތީޖާއަކުންނެވެ.
އެމެޗުގައި ހިނގާދިޔަ ހާދިސާއަށްފަހު މެޗުގެ ރެފްރީވަނީ މެޗުތެރޭގައި އިބްރަހިމޮވިޗް އަދި ކީޕަރު ޖޯންސަންއަށްވެސް ރީނދޫ ކާޑު ދައްކާފައެވެ. ލީގު ޑިސިޕްލިނަރީ ކޮމިޓީން މިމައްސަލަ ބަލައި އިބްރަހިމޮވިޗް ސަސްޕެންޑް ކުރަން ނިންމީ އިއްޔެއެވެ.
އިބްރަހިމޮވިޗްގެ އިތުރުންވެސް ފުޓުބޯޅައިގެ ނަން މަޝްހޫރު އެހެން ކުޅުންތެރިންވެސް މިލީގުގައިވަނީ ސަސްޕެންޑްކޮށްފައެވެ. އެގޮތުން ޑޭވިޑް ބެކަމް އަދި ތިއެރީ އޮންރީވެސް މިލީގުގައި ކުޅުނު ދުވަސްވަރު ދަނޑުމަތީގައި ޢަމަލުތައް ހުރިގޮތުން ސަސްޕެންޑްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އެމެރިކާ ލީގަށްއައި ފަހުން އިބްރަހިމޮވިޗާއި ގުޅޭ އެތައް ޚަބަރުތަކެއް އެމެރިކާގެ ނޫސް މަޖައްލާތަކުގެ ހެޑްލައިންއަށްވަނީ އަރާފައެވެ.



