ރެއަލްމެޑްރިޑުން 34 ލަލީގާ ޓައިޓަލްއާއެކު އުފާފާޅު ކުރަނީ

ރެއަލްމެޑްރިޑުން ލަލީގާ ކާމިޔާބުކޮށްފި

ރެއަލްމެޑްރިޑުން މިސީޒަންގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފިއެވެ.

ރޭ ވިލަރެއާލްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއަލްމެޑްރިޑުން ލީގު ކާމިޔާބުކޮށްފައިވަނީ ބާކީ އެއްމެޗު އޮއްވައެވެ.

ރޭގެ މެޗުގެ ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ރެއަލްމެޑްރިޑްގެ ދެލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ކަރިމް ބެންޒެމާއެވެ. އެއާއެކު ބެންޒެމާ މިސީޒަންގައި ކާމިޔާބުކުރި ލީގު ލަނޑުގެ އަދަދު ވަނީ 21 އަށް އަރާފައެވެ.

ވިލަރެއާލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ވިންސެންޓް އިބޯރާއެވެ.

ކޮވިޑް-19 އަށް ފަހު ލީގު ފެށިފަހުން ކުޅުނު ހުރިހާ މެޗަކުން ރެއަލްމެޑްރިޑުވަނީ މޮޅުވެފައެވެ. އެގޮތުން އެންމެ ފަހުން ކުޅުނު10 މެޗުންވެސް އެކްލަބުވަނީ މޮޅުވެފައެވެ.

ރޭގެ މޮޅާއެކު ރެއަލްމެޑްރިޑުން މިސީޒަންގެ ލަލީގާ ކާމިޔާބުކޮށްފައިވާއިރު، މިއީ ރެއަލްމެޑްރިޑުން ކާމިޔާބުކުރި 34 ވަނަ ލަލީގާއެވެ. އަދި ކޯޗެއްގެ ގޮތުން ރެއަލްމެޑްރިޑާއެކު ޒިދާން ކާމިޔާބުކުރި ދެވަނަ ލަލީގާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ޒިދާން ބުނީ، މިއީ ޕްރިފެޝަނަލް ޙަޔާތުގައި އޭނާއަށް އުފާވެރި ދުވަސްތަކުގެ ގޮތުގައި ގުނާލެވޭ ދުވަސްތަކުގެތެރެއިން ދުވަހެއްކަމަށާއި، ތިން މަހުގެ ބްރޭކަކަށްފަހު އަލުން ކުޅެން ނުކުމެ ލިބުނު މިއީ ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މިއީ ވަރަށް މުހިންމު ކާމިޔާބީއެއްކަމަށާއި، ސްޕެނިޝް ލަލީގާ ކާމިޔާބުކުރުމަކީ މަސައްކަތްބުރަ އުދަނގޫ ކަމެއްކަމަށްވެސް ޒިދާން ބުންޏެވެ.

ކެޕްޓަން ސާޖިއޯ ރާމޯސް ބުނީ، މިއީ ވަރަށް އާދަޔާ ޚިލާދު ސީޒަންއެއްކަމަށާއި، ކޮވިޑަށްފަހު ލީގު ފެށުނީއްސުރެ ކްލަބުގެ މިސްރާބުހުރީ އެއްކަމަކަށްކަމަށެވެ. އެގޮތުން ބާކީ ހުރި ހުރިހާ މެޗަކުން މޮޅަކުން މޮޅުވާން ބޭނުންވިކަމަށާއި، މި ކާމިޔާބީއަކީ ހުރިހާ އެންމެންކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށްވެސް ރާމޯސް ބުންޏެވެ.

މިއީ ރާމޯސްގެ ފަސް ވަނަ ލީގު ތައްޓެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ