ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ރޭގެ ވަގުތެއްގައި ކޮވިޑް-19 އަށް ފޮޒިޓިވް ވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި މަސައްކަތްތައް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާއިއެކު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ކުރިޔަށް ދާކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާ ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެމުވައްޒަފުން އައިސޮލޭޝަންއަށް ބަދަލުކޮފައިވާކަމަށް ފުލުހުން ވިދާޅުވި އެވެ. އަދި ޕޮޒިޓިވްވި މުވައްޒަފާއި ސީދާ ކޮންޓެކްޓްވި ފަރާތްތަކުގެ އިތުރުންވެސް ވީހާވެސް ގިނަ އަދަދެއްގެ މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމުގެ މަސައްކަތްތައް ޕޮލިސް މެޑިކަލް ސަރވިސަސްއާއި ގުޅިގެން ކުރިއަށް ދާކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ޕޮޒިޓިވް ފުލުސް މީހާ މަސައްކަތްކުރާ ޕޮލިސް ސްޓޭޝަން ޑިސްއިންފެކްޓްކޮށް، އެސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް ގިއަރތައްވެސް ޑިސްއިންފެކްޓް ކޮށްފައިވާކަމަށާއި ރަށުތެރެ ބެލެހެއްޓުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް އޮޕަރޭޝަނަލީވެސް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްތަކުގެ ޕޮލިސް ސްޓޭޝަންތައްވެސް ޑިސްއިންފެކްޓް ކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ އެކި ބޭނުންތަކުގައި ޕޮލިސް ސްޓޭޝަންތަކަށް ހާޞިރުވުމުގެ ބަދަލުގައި ޚިދުމަތްތައް ހޯއްދެވުމަށް ފުލުހުން ވެބްސައިޓްގެ އީސަރވިސަސް ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް އެދެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.



