ރާއްޖޭގައި މިހާރު ތިބި ގިނަ ބިދޭސީން ފޮނުވައި ނުލެވޭނެ ކަމުގައި މަޖިލީހުގެ ރައީސް، ރައީސް ނަޝިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ "ބޭރު މީހުން" މި ނަމުގައި އެމަނިކުފާނު ލިޔުއްވަފައިވާ ލިޔުމެއްގައެވެ.
މި ލިޔުމުގައި ނަޝީދު ވިދާޅުވެފައިވަނީ ކޮވިޑްއައި ގުޅިގެން ފާހަގަވި އެއްކަމަކީ ރާއްޖޭގައި ދިރިއުޅޭ، މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބޭރު މީހުންނާއި ގުޅިގެން ހާމަވަމުންދިޔަ ގިނަގުނަ މައްސަލަތަށްކަމަށެވެ. އެގޮތުން ބިދޭސީންނާއި ދިމާވާ ގިނަ މައްސަލަތަކަށް ފާހަގަ ކުރައްވައި އެމނިކުފާނު ވިދާޅުވެފައިވަނީ މައްސަލަ ދިމާވަނީ މާލޭގައި ދިރިއުޅޭ ދިވެހި މީހާގެ ޖާގައިގައި ބޭރު މީހާ ހުންނާތީކަމަށާއި، މާލެ ތޮއްޖެހިފައި އޮތް މިންވަރުން ބޭރު މީހުންނާއި ދިވެހިންނާއި އެންމެނަށް މާލެގައި އުޅުމުގެ ގާޖަ ނެތީކަމަށެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖެގައި ދިރިއުޅޭ ކާކުކަން ނޭންގޭ ބެރު މީހުންގެ މައްސަލަ ހައްލު ކުރުމަށް އޮތް މަގަކީ އެމީހުން ފޮނުވާލުން ނޫންކަމަށާއި، ހުރިހާ އެންމެން ފޮނުވާނުލެވޭނެ ކަމަށެވެ.
އެގޮތުން ރާއްޖެގައި މިހާރު ތިބި ގިނަ ބޭރު މީހުންގެ މައްސަލަ ހައްލުކުރެވޭނީ ރާއްޖޭގައިކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވެފައިވަނީ ޤަވާއިދާއި ޚިލާފަށް އުޅޭ މީހާ ޤަވާއިދުގެ ތެރެއަށް ގެނައުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭންޖެހޭކަމަށާއި އަދި އެމީހާ އުޅޭނެ ތަނެއްވެސް ދޭންޖެހޭކަމަށެވެ.
އެގޮތުން މި ދެކަންތައް ނުކޮށްފިނަމަ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެކަމަށް އެމަނިކުފާނު ވަނި ވިދާޅުވެފައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި ދެކަންވެސް ނުކޮށްފިނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދާން ދަތިވާނީ އެކަންޏެއްނޫނެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނގަޅު އަސަރު ކުރާނެއެވެ." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވެފައި ވަނީ ބިދޭސީ މަސައްކަތް ތެރިންގެ މައްސަލައަށް މާނަވީ ހަޤީޤީ ޙައްލެއް ހޯދޭންޖެހޭ ކަމަށެވެ.



