ޖާބިރުގެ ދުޢާ: މަޖިލީހުގެ ރައީސްކަމުގައި ނަޝީދު ގިނަ ދުވަހަށް އިންނެވުން އެދެން

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމަޤާމުގައި ގިނަދުވަސްތަކެއް ވަންދެއް ލެހެއްޓެވުން އެދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދުޢާ ދަންނަވައިފިއެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ޖާބިރުއާއި ޙަވާލާދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީޑިއާތަކުންވެސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުރިއަށް ގެންދަވާ ކަންކަން ބެލުން މުހިންމުކަމަށާއި، ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ ގޮނޑީގައި ގިނަ ދުވަސްތަކެއްވަންދެއް އިންނެވުން އެދި ދުޢާ ދަންނަވާކަމަށެވެ.

އެގޮތުން މަޖިލީހުގެ ޢިމާރާތުގެ މަތީގައި މެކްސިކަން ރެސްޓޯރެންޓެއް ރައީސް ނަޝީދު ހައްދަވައިދެއްވާފައިވާތީ ޖާބިރުވަނީ ޝުކުރު ދަންނަވާފައެވެ.

ޖާބިރު މިހެން ވިދާޅުވެފައިވާއިރު، ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމާއި ގުޅިގެން އެކަމާ ނުރުހުން ފާޅުކޮށް ގިނަ ބަޔަކު ގެންދަނީ ރައީސް ނަޝީދުއަށް ފާޑުކިޔަމުންނެވެ.

ނަޝީދުގެ މިހުށަހެޅުމަށް ގިނަ މެންބަރުތަކެއްވަނީ ފާޑުވިދާޅުވެފައެވެ. އޭގެތެރޭގައި އެމްޑީޕީ މެންބަރުވެސް ހިމެނިވަޑައިގަންނަވައެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

އެކަމަކު މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ކޮމިޓީ އަށް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ