އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ކަޓުވާލުމަށްފަހު އާސެނަލްއިން އެފްއޭ ކަޕް ފައިނަލަށް ދަތުރުކޮށްފިއެވެ.
އެމްބްލީގައި ރޭ ކުޅެވުނު ސެމީ ފައިނަލް މެޗު އާސެނަލްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އާސެނަލްގެ ދެލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ އޮބަމަޔާންއެވެ. ރޭގެ މެޗުގައި އޮބަމަޔާން ޖެހި ދެލަނޑަކީ މީސީޒަންގައި އޭނާ ކާމިޔާބުކުރ 24 އަދި 25 ވަނަ ލަނޑެވެ.
މެޗު ފެށުނީއްސުރެ ސިޓީގެ ފަރާތުން އާސެނަލްއަށް ހަމަލާތައް އުފައްދަމުން ދިޔަނަމަވެސް ސިޓީ ޙައިރާންކޮށްލުމަށްފަހު އާސެނަލްއިން ލީޑު ނެގީ މެޗުގެ 17 ވަނަ މިނަޓްގައެވެ. އޮބަމަޔާން މިލަނޑު ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭގެ ހުރަހަކުންނެވެ. ޕެޕޭ ހުރަސްކޮށްދިން ބޯޅައަށް ވެއްޓި ގަތުމަށްފަހު އޮބަމަޔާން ފައިން ފޮނުވާލި ހަމަލާ ގޯލްގެ ތެރެއަށް ވަދެގެންދިޔައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
The man of the moment.
⚡️ @Aubameyang7
? 2-0 ?#EmiratesFACup pic.twitter.com/cTupJlK6qu
— Arsenal (@Arsenal) July 18, 2020
71 ވަނަ މިނަޓްގައި ފެނިގެންދިޔަ އޮބަމަޔާންގެ ދެވަނަ ލަނޑަކީ ކައުންޓަރއެޓޭކެއްގައި ކާމިޔާބުކުރި ލަނޑެކެވެ. އެކަނިމާ އެކަނި ބޯޅައާއެކު އަރާ އޮބަމަޔާން ފޮނުވާލި ބޯޅަ ދިޔައީ ސިޓީގެ ކީޕަރު އެޑާސަންގެ ތޮއްޑުދަށުންނެވެ.
ސިޓީއިން މެޗުގެ ނަތީޖާ އަނބުރާލުމަށް ބުރަ މަސައްކަތެއްކުރިނަމަވެސް، ލަނޑެއް ކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފައެވެ. އެގޮތުން ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ސިޓީއަށްވަނީ ލިބިގެންގޮސްފައެވެ. އޭގެތެރެއިން ޑިބުރޫނޭގެ ޕާހަކުން އޭރިއާތެރޭ ގޯލް ކުރިމަތިން ސިލްވާ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. މިހަމަލާ ގޯލާއި އަމާޒުނުވެ ދިޔައީ ބޭރަށެވެ.
މިމޮޅާއެކު އާސެނަލްއިން އެފްއޭކަޕް ފައިނަލަށް ދަތުރުކޮށްފައިވާއިރު، މިއީ މިމުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކުރި 21 ވަނަ ފަހަރެވެ. އާސެނަލްއިންވަނީ މިމުބާރާތް13 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. އާސެނަލްއިން މިމުބާރާތް އެންމެފަހުން ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ.
The Arsenal.#EmiratesFACup pic.twitter.com/9ffj1RfCq9
— Arsenal (@Arsenal) July 18, 2020
މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުނީ، ނިމިގެން މިދިޔައީ ފާހަގަކޮށްލެވޭ ހަފްތާއެއްކަމަށާއި، އާސެނަލްއަށް ޔޫރަޕްގެ ވަރުގަދަ ދެޓީމު މިހަފްތާގައި ބަލިކުރެވިފައިވާކަމަށެވެ. އަދި މިއީ ކޮންމެ ދުވަހުވާކަހަލަ ކަންތައްތަކެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.
އާސެނަލްއާއެކު ފައިނަލްގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗަށް ފަހުގައެވެ. މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީ ބައްދަލުކުރާ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ.




