ކިންގު ސަލްމާން މިސްކިތުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބަލާލުމުގެ ފުރުޞަތަކަށް އިދިކޮޅު ކޯލިޝަނުން އެދެލައްވައިފި އެވެ.
ކިންގު ސަލްމާން މިސްކިތުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބަލާލުމުގެ ފުރުޞަތަކަށް އިދިކޮޅު ކޯލިސަނުން އެދިލައްވާފައިވަނީ މިނިސްޓަރ އޮފ ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމަށް ފޮނުއްވެވި ސިޓީއެއްގައެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް މިނިސްޓަރ އަސްލަމަށް ފޮނުއްވެވި ސިޓީގައި ބުނެފައި ވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މަސައްކަތް ފަށާ ގާތްގަޑަކަށް ނިމުމާ ހަމައަށް ގޮސްފައިވާ ޚާދިމުލް ޙަރަމައިން އަލްޝަރަފައިން މާލިކް ސަލްމާން ހަދިޔާ ކުރައްވާ ކިންގް ސަލްމާން މިސްކިތް ހުޅުވާ ބޭނުން ކުރުން ލަސްވަމުންދާތީ، ރައްޔިތުންގެ ފަރާތުން، އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށް އެކޯލިޝަނަށް ހުށަހަޅާފައި ވާކަމަށެވެ.
އެ ކަންބޮޑުވުންތަކާއި ގުޅިގެން، މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރާއި، މިސްކިތުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބަލާލުމަށް އިދިކޮޅު ކޯލިޝަނުން ބޭނުންވާ ކަމަށް އަބްދުއްރަހީމްގެ ސިޓީގައި ވަނީ ބުނެފައެވެ.
އިދިކޮޅު މިކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއެކު، ކޯލިޝަންގެ 20 ބޭފުޅަކަށް މިސްކިތަށް ޒިޔާރަތްކޮށް، މިސްކިތުގެ މަސައްކަތްތައް ހިންގަމުންދާ ގޮތް ބަލާލުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ވަނީ އެދިލައްވާފައެވެ.




