ކޮންމެ ޤައުމެއްގައިވެސް ބިދޭސީންނަށް އުޅެވެނީ ޤާނޫނީ ލިޔުމެއް އޮވެގެން - ޖަމީލް

ކޮންމެ ޤައުމަކަށްވެސް ބިދޭސީންނަށް ދެވެނީ ނުވަތަ އުލެވެނީ ޤާނޫނީ ލިޔުމެއް އޮވެގެން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދިނުމަށް ރައްޔިތުންގެ މަޖިލީހަށް، މަޖިލީހުގެ ރައީސް ރައީސް ނަޝީދު ހުށައަޅުއްވާފައިވާ އިސްލާހާއި ގުޅިގެންނެވެ.

އިމިގްރޭޝަންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދެވޭ ހާލަތްތަކަށް އިސްލާހު ގެނައުމަށް ރައީސް ނަޝީދު ހުށައަޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީނަށާއި، 10 އަހަރަށްވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށް ރެސިޑެންޓް ވިސާ ލިބޭނެ ކަމަށެވެ.

ރައީސް ނަޝީދު ހުށައެޅުއްވި މި އިސްލާހާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް މި އިސްލާހާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ މި އިސްލާހާއި ދެކޮޅުކަން ހާމަކުރައްވާފައެވެ.

މި އިސްލާހައި ގުޅިގެން ޑރ. ޖަމީލް ވިދާޅުވެފައިވަނީ ބިން މަދު، އަމިއްލަ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ނުދެވިގެން އުޅޭއިރު ހަރުދަނާ ކުރަންވީ ނިޒާމްތައްކަމަށާއި އެގޮތުން ޤާނޫނާ ޚިލާފަށް އެއްވެސް ބިދޭސީއަކަށް ނޫޅެވޭނެކަން ކަށަވަރުކުރެވޭނެ ގޮތަށް ނިޒާމްތައް ހަރުދަނާ ކުރައްނެޖެހޭ ކަމަށެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވެފައިވަނީ ޙަޤީގަތް އޮޅޭ ގޮތަށް ވާހަކަދައްކަވަނީ ކަމުގެ ނާޒުކުކަން އިޙްޞާސް ނުވާތީކަމަށާއި ކޮންމެ ޤައުމަކަށްވެސް ބިދޭސީންނަށް ދެވެނީ/އުޅެވެނީ ޤާނޫނީ ލިޔުމެއް އޮވެގެންކަމަށެވެ. ޖަމީލް ވަނީ ބަހަނާ ހުއްޓައި ޑޮކިއުމަންޓް ކުރުން ފުރިހަމަކުރުމަށް ގޮވާލާ އަދި ކޯޓާގެ ނިޒާމް ހަރުދަނާކޮށް، މޮނޮޕޮލީ ކުރުން ނިންމުމަށްވެސް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ