މެންޗެސްޓާރ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ - ފޮޓޯ: ސްކައި ސްޕޯޓްސް

ޗެލްސީ އެފްއޭކަޕް ފައިނަލަށް، ކީޕަރު ޑެހާގެ ފަރާތުން ގިނަ ގޯސްތަކެއް

އެފްއޭ ކަޕް ސެމީ ފައިނަލްގައި ރޭ މެންޗެސްޓާރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ. ޗެލްސީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ވެމްބްލީގައި ކުޅެވުނު މިމެޗު ޗެލްސީއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެޓޭމިގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޗެލްސީއިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފެނިގެންދިޔަ މިލަނޑަކީ އަޒްޕިލިކުއެޓާގެ ހުރަހަކުން ޖިރޫޑް ކާމިޔާބުކޮށްދިން ލަނޑެކެވެ. ގޯލް ކުރިމަތިން ޖިރޫޑް ފައިގެ އަރިމަތިން ޖަހައި ފޮނުވާލި ހަމަލާގައި މާ ބާރެއް ނެތްނަމަވެސް ކީޕަރު ޑެހެއާއަށް އެ ބޯޅަ ދިފާޢުނުކުރެވި ވަދެގެންދިޔައީ ގޯލަށެވެ. ޖިރޫޑްވަނީ އެފްއޭކަޕުގައި މިހާތަނަށް 16 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާ އެންމެ ފުރަތަމަ އެފްއޭކަޕް ކުޅެފައިވަނީ 2013 ވަނަ އަހަރު އާސެނަލް ޖާޒީގައެވެ.

މީގެ އިތުރުން ދެވަނަ ހާފުގެ ފުރަތަމަ މިނަޓްގައި އިތުރު ލަނޑެއްޖަހައި ޗެލްސީއިން ލީޑު އިތުރަށް ފުޅާކޮށްފައިވަނީ މޭސަން މައުންޓްގެ ގެލަނޑުންނެވެ. މައުންޓް މިލަނޑު ކާމިޔާބުކޮށްފައިވަނީ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއެއްގައެވެ. މިލަނޑުވެސް ވަދެފައިވަނީ ކީޕަރު ޑެހެއާގެ ގޯހަކުންނެވެ. އެގޮތުން ޑެހެއާ މިބޯޅައަށް ޑައިބްކޮށްފައިވަނީ ބޯޅައަށް ރަނގަޅަށް ސެޓް ނުވެއެވެ. އަދި 74 ވަނަ މިނަޓްގައި ހެރީ މެގުއާގެ އަތުން ބައިކޮޅަށް ވަތްލަނޑާއެކު ޗެލްސީއަށް ތިން ލަނޑުގެ ލީޑެއް ލިބުނެވެ. އަރިމަތިން އަލޮންސޯ ހުރަސްކޮށްދިން ބޯޅަ މެގުއާ ފައިގައި ޖެހިފައި ޔުނައިޓެޑްކޮޅަށް ވަދެގެން ދިޔައިރު ބޯޅަ ދިފާޢުކުރުމުގެ ފުރުޞަތު ޑެހެއާއަށް ލިބިގެން ގޮސްފައެއް ނުވެއެވެ.

ޔުނައިޓެޑުން ސުމެއް ކަނޑުވާފައިވަނީ 85 ވަނަ މިނަޓްގައި ބްރޫނޯ ފާނަންޑޭސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިލަނޑަކީ އޭރިއާ ތެރެއިން ހަޑްސަން އޮޑޯއީ ޔުނައިޓެޑުގެ މާޝިއާލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ރޭގެ މޮޅާއެކު ޗެލްސީއިންވަނީ ޔުނައިޓެޑުން ބަލިނުވެ ހަދަމުން އަންނަ ރެކޯޑަށް ނިމުން ގެނެސްފައެވެ. މިމެޗުގެ ކުރިން ކުޅުނު 19 މެޗުވެސް ޔުނައިޓެޑް ފުރިހަމަކޮށްފައިވަނީ މެޗަކުން ބަލިނުވެއެވެ.

މިމޮޅާއެކު ޗެލްސީއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު މިއީ އެފްއޭކަޕް ފައިނަލަށް ޗެލްސީއިން ދަތުރުކުރި 14 ވަނަ ފަހަރެވެ. ޗެލްސީއިންވަނީ މިމުބާރާތް 8 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. ޗެލްސީއިން އެންމެފަހުން މިމުބާރާޓް ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.

މުބާރާތުގެ ފައިނަލްގައި ޗެލްސީއިން ވާދަކުރަން ޖެހޭނީ، މިމުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާ އާސެނަލްއާއެވެ. އާސެނަލްއަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަ ޖެހިފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ރެޔެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ