ޕިޗިޗީ އެވޯޑާގެ ރެކޯޑު މެސީ އަށް

ސްޕެނިޝް ލަލީގާ ރަންބޫޓް (ޕިޗިޗީ އެވޯޑް) އެންމެ ގިނައިން ކާމިޔާބުކުރި ކުޅުންތެރިއަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވެއްޖެއެވެ.

މިއީ މެސީ މިއެވޯޑު ޙާސިލްކުރި 7 ވަނަ ފަހަރެވެ. ވޭތުވެދިޔަ ހަތަރު ސީޒަންވެސް މެސީ ނިންމާލާފައިވަނީ ޕިޗިޗީ އެވޯޑާއެކުގައެވެ. އެތުލެޓިކޯ ބިލްބާއޯއަށް ކުރިން ކުޅުނު ސްޕެއިންގެ ޓެލްމޯ ޒާރާ 6 ފަހަރެއްގެ މަތިން މިއެވޯޑު ޙާސިލްކޮށްފައިވެއެވެ.

މިސީޒަންގެ ލަލީގާ ފަހު މެޗު ރޭ ކުޅެފައިވާއިރު، އަލްވެސްއާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 0-5 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ކެޕްޓަން ލިއޮނަލް މެސީ ވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިސީޒަންގެ ލަލީގާ މެސީ ނިންމާލާފައިވަނީ 25 ލަނޑާއި 21 އެސިސްޓާއެކުގައެވެ. ދެވަނައަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ރެއަލްމެޑްރިޑްގެ ފޯވާޑު ކަރިމް ބެންޒެމާވަނީ 21 ލަނޑު ޖަހައި 8 އެސިސްޓް ހަދާފައެވެ.

މިސީޒަންގައި މެސީ ހެދި 21 އެސިސްޓާއެކު އޭނާ ވަނީ ލަލިގާގެ އެއްސީޒަންގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާއަށްވެސް ވެގެންގޮސްފައެވެ. މިރެކޯޑު ކުރިން އޮންނަނީ ބާސެލޯނާއަށް ކުރިން ކުޅުނު ޒާވީ އަތުގައެވެ. 2008/09 ސީޒަންގައި ޒާވީ 20 އެސިސްޓް ހަދާފައިވެއެވެ.

ރޭގެ މެޗުގައި ބާސެލޯނާއިން ޖެހި އިތުރު ލަނޑުތައް ޖަހާފައިވަނީ އަންސޫ ފާޓީ އަދި ލުއިސް ސުއަރޭޒްގެ އިތުރުން ނެލްސަން ސެމޭޑޯއެވެ.

މިސީޒަންގެ ލަލީގާ ބާސެލޯނާއަށް ދިފާޢު ނުކުރެވި ވާދަވެރި ރެއަލްމެޑްރިޑް ކާމިޔާބުކޮށްފައިވަނީ ބާކީ އެއްމެޗު އޮވައެވެ. މިސީޒަންގައި ކާމިޔާބުކުރި ތައްޓާއެކު ރެއަލްމެޑްރިޑުންވަނީ 34 ފަހަރެއްގެ މަތިން މިމުބާރާތް ކާމިޔާބުކޮށްފައެވެ. ބާސެލޯނާއަށް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ 26 ފަހަރުއެވެ.

މެޗަށްފަހު 7 ވަނަ ޕިޗިޗީ އެވޯޑާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން މެސީ ބުނީ، އެއީ އޭނާ ދެވަނައަށް ބޭނުންވާ އެވޯޑުކަމަށެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ލަލީގާ ކާމިޔާބުކުރެވުނުނަމަ ވަރަށް އުފާވީސްކަމަށް މެސީ ބުންޏެވެ.

ޗެމްޕިއަން ރެއަލްމެޑްރިޑުންވެސްވަނީ މިސީޒަންގެ ލަލީގާ ފަހު މެޗު ރޭ ކުޅެފައެވެ. ލެގަނޭސްއާއި ރެއަލްމެޑްރިޑް ބައްދަލުކުރި މިމެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ