ރެއަލްމެޑްރިޑާއެކު ބޭލް ގަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތްކަމަށައި އޭގެކުރިން ބޭލް ރެއަލްމެޑްރިޑް ދޫކޮށް ނުލާނެކަމަށް އޭނާގެ އެޖެންޓް ޖޮނަތަން ބާނެޓް ބުނެފިއެވެ.
ރެއަލްމެޑްރިޑްގެ ފުރަތަމަ 11 ފުރުޞަތު ގެއްލައި މިފަހަކަށް އައިސް ގިނަ މެޗުތަކުގެ ބެންޗުގައި ހޭދަކޮށްފައިވާ ބޭލް މިދިޔަ އަހަރު ޗައިނާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއްވެސްވަނީ ފެތުރިފައެވެ. އެހެންނަމަވެސް ބޭލް ރެއަލްމެޑްރިޑް ދޫކޮށްލަން އުޅުނުކަން އޭޖެންޓް ބާނެޓްވަނީ ދޮގުކޮށްފައެވެ.
އޭރުގެ ރިޕޯޓްތަކުގައި ވާގޮތުން ޗައިނާގެ އެންމެ އަގު ބޮޑު ކުޅުންތެރިއަކަށް ބޭލް ހަދަން ޗައިނާ ލީގުގެ ބެއިޖިން ގޯން އޮތީ ތައްޔާރަށެވެ.
ބޭލްގެ އޭޖެން ބާނެޓް ބުނީ، ޒިދާން ބޭލްއަށް ކޯޗުކޮށްދޭން ބޭނުންނުވާކަމަށާއި، ބޭލްގެ އެއްބަސްވުމުގައި އަދި ބާކީ ދެއަހަރު އޮތްއިރު އޭގެ ކުރިން ރެއަލްމެޑްރިޑް ދޫކޮށްލަން ބޭލް ބޭނުންނުވާކަމަށެވެ.
"މެޑްރިޑްގައި ބޭލް ދިރިއުޅޭ ވަރަށް އުފަލުން. އޭނާ އެހެންތާކަށް ދާކަށް ބޭނުމެއް ނުވޭ." ބާނެޓް ބުންޏެވެ.
މީގެއިތުރުން ބާނެޓް ބުނީ، ދުނިޔޭގެ އިޤްތިޞާދަށް ދިމާވެފައިވާ މިޙާލަތުގައި ޓީމު ބަދަލުކުރަންވެސް އުނދަގޫވާނެކަމަށާއި، ރެއަލްމެޑްރިޑުން ބޭލްގެ ބޭނުން ނުހިފުމަކީ އެޓީމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ.
އަދި ބައެއް ކްލަބުތަކުން ބޭލްއަށް ޝައުޤުވެރިކަން ފާޅުކުރަމުންދާކަމަށްވެސް އޭޖެންޓް ބުންޏެވެ.
މިސީޒަންގެ ލަލީގާ ބޭލް ކުޅެފައިވަނީ އެންމެ 16 މެޗެވެ. އެ 16 މެޗުން 2 ލަނޑުޖަހައި 2 އެސިސިޓް އޭނާ ހަދާފައިވެއެވެ. އަދި މިސީޒަންގެ ޗެމްޕިއަންސް ލީގުން 3 ފުރުޞަތު ލިބިފައިވާއިރު، ކޮޕަޑެލްރޭއިން ބޭލްއަށް ލިބިފައިވަނީ އެންމެ ފުރުޞަތެކެވެ.
ޓޮޓޭންހާމް ސްޕާސް ދޫކޮށް ބޭލް ރެއަލްމެޑްރިޑާއި ގުޅުނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ބޭލް ރެއަލްމެޑްރިޑާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.



