ފުލުހުންގެ މައި އިދާރާ - ފޮޓޯ: ފެށުން

ރޭހިނގި ހަމަނުޖެހުމާއި ގުޅިގެން 22 ބިދޭސީން ހައްޔަރުކޮށްފި

ވ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް ރޭގެ ވަގުތެއްގައި އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގާފައިވާތީވެ، އެހަމަނުޖެހުމުގެ ތެރެއިން 22 ބިދޭސިޔަކު ހައްޔަރުކޮށްފިއެވެ.

އެރަށުގައި ބިދޭސީންތައް ހަމަނުޖެހުން ހިނގާތީ ފުލުހުން ވަނީ ރޭ އެރަށަށް އަރައި އެހަމަނުޖެހުން ކޮންޓްރޯލްކޮށްފައެވެ.

ފުލުހުން ރޭ ވިދާޅުވީ، ވ. އަތޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި އެ ރިސޯޓުގައި މަސައްކަތް ކުރަމުންދާ ބިދޭސީންތަކެއް މަސައްކަތަށް ހުރަސް އަޅައި އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގަމުންދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ނަމަވެސް، އެ ރިސޯޓުގެ ސުޕަވައިޒަރުގެ ކޮޓަރިއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިކަމުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިރޭ ފުލުހުން ވިދާޅުވީ، ރޭ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 22 ބިދޭސީ މަސައްކަތްތެެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެ މީހުންގެ ބަންދާއި މެދުގޮތެއް ނިންމުމަަށް ވ. ފެލިދޫ މަޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މިފަހަކަށްއައިސް މުސާރައިގެ މައްސަލާގައި ބިދޭސީންގެ ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ. މިގޮތުން މި މަހުގެ ތެރޭގައި ބ. ބޮޑުފިނޮޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގައި މަސައްކަތް ކުރި ބިދޭސީންތަކެއް ވަނީ މުސާރަ ނުދީގެން ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާވެސް ދީފައެވެ. އަދި އެ މައްސަލައާ ގުޅިގެން 19 ބިދޭސިއަކު ހައްޔަރުވެސް ކުރިއެވެ.

އޭގެއިތުރުންވެސް މާލެއާއި ހުޅުމާލޭގައިވެސް ބިދޭސީން ވަނީ އިހުތިޖާޖުކޮށްފައެވެ. އެގޮތުން އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުންތަކެއްވެސް ވަނީ މުޒާހަރާކޮށް ފުލުހުންނަށް ހަމަލާ ދީފަ އެވެ.

(ތަފްސީލް އަންނަނީ...)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ