އަންނަ ސީޒަންގައިވެސް ޕީއެސްޖީގައި މަޑުކުރާނެކަމަށް އެކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ބުނެފިއެވެ.
ރެއަލްމެޑްރިޑްގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ޒިދާން ޙަވާލުވިފަހުން އެމްބާޕޭ ހޯދުމަށް އެކްލަބުން މަސައްކަތްކުރަމުންދާ ވާހަކައަކީ މެދު ނުކެނޑި އިވެމުންދާ ވާހަކަތަކެކެވެ. އެގޮތުން އެމްބާޕޭއާއި ގުޅިގެން ޒިދާން ދައްކާފައިވާ ވާހަކަތަކުންވެސް އެމްބާޕޭއަކީ ޒިދާންއަށް ކިހާ ކަމުދާ ކުޅުންތެރިއެއްކަން ހާމަވެގެން ދެއެވެ.
އަދި ކޮންމެ ޓްރާންސްފާ މާކެޓެއް ހުޅުވުމާއެކު މިވާހަކަތައް އިތުރު ވެގެންދެއެވެ. އެހެންނަމަވެސް އެމްބާޕޭ މިވަނީ ކުރިއަށް އޮތް ސީޒަންގައި ޕީއެސްޖީ ދޫކޮށްނުލާނެކަން ކަށަވަރުކޮށްދީފައެވެ.
އެގޮތުން ފްރާންސްގެ ފުޓްބޯޅަ ޗެނެލްއަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަދައްކަމުން އެމްބާޕޭ ބުނީ، އޭނާ މިހާރު މިހުރީ ޕީއެސްޖީގައި ކަމަށާއި، ޕީއެސްޖީގައި ޕްރޮޖެކްޓްގައި އޭނާ ޙިއްސާވެ، ވީހާވެސް ގިނަ ކާމިޔާބީއެއް ހޯދަން ބޭނުންކަމަށެވެ.
"އަންނަ ސީޒަންގައިވެސް އަހަރެން ޕީއެސްޖީގައި މަޑުކުރާނަން." އެމްބާޕޭ ބުންޏެވެ.
މީގެއިތުރުން އެމްބާޕޭ ބުނީ، ކްލަބުގެ 50 ވަނަ އަހަރީދުވަސް މިއަހަރު ފާހަގަކުރާއިރު މިއީ ކްލަބަށާއި ސަޕޯޓަރުންނަށް ވަރަށް މުހިންމު އަހަރެއްކަމަށާއި، މިއަހަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކާމިޔާބީއަށް ވާސިލުވުމަށް އޭނާއަށް ކުރެވެން އޮތް މަސައްކަތެއްކުރަން ހުރީ ތައްޔާރަށްކަމަށެވެ.
ޕީއެސްޖީއަށް މިހާތަނަށް ކުޅެދިން 120 މެޗުން 90 ލަނޑު އެމްބާޕޭ ކާމިޔާބުކޮށްފައިވެއެވެ. 18 ލަނޑާއި 5 އެސިސްޓާއެކު މިސީޒަންގެ ފްރެންޗް ލީގު 1 ގެ އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔަކީވެސް އެމްބާޕޭއެވެ. ކޮވިޑް-19 އާއި ގުޅިގެން މާރޗްމަހު މެދުކަނޑާލި ފްރެންޗް ލީގު 1 އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލާފައިވާއިރު، ޗެމްޕިއަންކަން27 މެޗުން ލިބުނު 69 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތް ޕީއެސްޖީއަށް ދީފައެވެ.
އެމްބާޕޭ ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ. މޮނާކޯ ދޫކޮށް ޕީއެސްޖީއާއި އެމްބާޕޭ ގުޅުނީ 170 މިލިއަން ޔޫރޯގެ ފީއެއްގެ ދަށުންނެވެ. އެމްބާޕޭ ޕީއެސްޖީއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ޖޫން 30 ގައެވެ.




