މައިންބަފައިންގެ މަރުގެ ބަދަލު ހިފުމަށް ޒުވާން އަންހެން ކުއްޖަކު ތޯލިބާނު ހަނގުރާމަވެރިންގެ ދެމީހުން މަރާލައިފިއެވެ.
މިހާދިސާ ހިނގައިފައިވަނީ އަފްގާނިސްތާނުގެ ހުޅަނގުގެ ސަރަހައްދަށް ނިސްބަތްވާ ފަގީރު ހިސާބެއްގައެވެ. މިގޮތުން ތޯލިބާނު ހަނގުރާމަވެރިން އެ ސަރަހައްދަށް އައިސް މި އަންހެން ކުއްޖާގެ މައިންބަފައިންނަށް ހަމަލާދީ މަރާލައިފައިވަނީ އަފްގާނިސްތާނުގެ ސަރުކާރަށް ތާއީދުކުރާ މައްސަލައިގައެވެ.
ހަނގުރާމަވެރިން އަންހެން ކުއްޖާގެ މައިންބަފައިންނަށް ހަމަލާދިނުމުން ބަދަލުގައި މި އަންހެން ކުއްޖާވަނީ އޭކޭ-47 ބަޑިޔަކުން ހަނގުރާމަވެރިންނަށް ހަމަލާދީ ދެމީހުން މަރާލައި އިތުރު ހަނގުރާމަވެރިން ޒަހަމް ކޮށްލައިފައެވެ. މީގެ ބަދަލުހިފުމަށް ހަނގުރާމަވެރިން ފަހުން އައިނަމަވެސް އެ ސަރަހައްދުގެ އާމުންވަނީ ހަނގުރާމަވެރިންނާ ކުރިމަތިލައި އެމީހުން ފަހަތަށް ޖައްސައިފައެވެ.
އުމުރުން 14 ނުވަތަ 16 އަހަރުގެ މި އަންހެން ކުއްޖާގެ މި ޖެހިލުންކުޑަ ކަމަށް ގިނަ ބަޔަކު އަންނަނީ މިސްމީޑިއާގައި ތައުރީފް ކުރަމުންނެވެ. އަދި މި އަންހެން ކުއްޖާ ބަޑި ހިފަހައްޓައިގެން ހުންނަ މަންޒަރު ދައްކުވައިދޭ ފޮޓޯގަނޑުވަނީ ވައިރަލް ވެފައެވެ.
އަންހެން ކުއްޖާގެ މައުލޫމާތު އަފްގާނިސްތާނުގެ ސަރުކާރުން ހާމަކޮށްފައި ނުވާއިރު މިހާރު މި އަންހެން ކުއްޖާއާއި އަދި އެކުއްޖާގެ ފިރެހެން ކޮއްކޮވަނީ ސަރުކާރުގެ ބެލުމުގެ ދަށުން ރައްކާތެރި ހިސާބަކަށް ބަދަލު ކޮށްފައެވެ.
އަފްގާނިސްތާނުގައި ތޯލިބާނުން އަނެއްކައިވެސް އަންނަނީ އެމީހުންގެ ބާރު ގަދަ ކުރަމުންނެވެ. އަދި އެމެރިކާއިން މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައިވަނީ ތޯލިބާނުންނާއެކުވަނީ ސުލްހައިގެ އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައެވެ. ނަމަވެސް، ތޯލިބާނުންގެ ބަޔެއް ފަރާތްތަކުން އަދިވެސް އަންނަނީ އަފްގާނިސްތާނުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.




