ފަސްތަރީގެ އެސްޓީއޯ ހޮޓާ ނިންމަން އެޗްޑީސީއާއެކު އެއްބަސްވެއްޖެ

ފަސްތަރީގެ ހޮޓަލެއްގެ ގޮތުގައި ހިންގަން އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައިވާ ހޮޓަލުގެ މަސައްކަތް ނިންމަން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ހޮޓަލަކީ އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާއެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން “ރެޑިސަން ބްލޫ ހޮޓެލް” ގެ ނަމުގައި 2011 ވަނަ އަހަރު އެސްޓީއޯ އިން ހުޅުމާލޭގައި އަޅަންފެށި ފަސްތަރީގެ ހޮޓެލެކެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ދިގު ލައިގެން ގޮސް އެންމެ ފަހުން އެތަން ވިއްކާލަން 2018 ވަނަ އަހަރު ނިންމި އެވެ.

އެސްޓީއޯ އިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން ހޮޓާ ގަންނަން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާކޮށް އެކަން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގަ އެވެ.

މީގެކުރިން، 2016 ގައި ވެސް އެ ހޮޓާ ވިއްކާލަން އެސްޓީއޯ އިން ވަނީ މަސައްކަތް ކޮއްފައެވެ. ހޮޓަލުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، ހޮޓާ ނިންމުމަށްޓަކައި ތައިލެންޑްގެ އެގްޒިމް ބޭންކުން 32 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ފަހުން ވަނީ ނަގާފައެވެ. ނަމަވެސް އަދިވެސް ހޮޓާ ނިންމާލެވިފައި ނުވެއެވެ. ހޮޓާގެ މަސައްކަތް އެއްކޮށް ހުއްޓިފައި ހުންނަތާ ވެސް މިހާރު ތިން އަހަރު ވެދާނެ ކަމަށް ބެލެވެއެވެ.

އެހެނަސް މިހޮޓަލުގެ ބޮޑުބައި މިހާރުވެސް ނިމިފައިވާއިރު، އެ މަސައްކަތް އެކީގައި ނިންމަން އެޗްޑީސީއާއެކު ވެވުނު އެއްބަސްވުމުގެ އިތުރު ތަފްސީލެއް ދެ ކުންފުނިންވެސް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ