އިޓާލިއަން ސީރީއާގައި ކުޅުނު ފުރަމަ ސީޒަންގައި އެސީޒަންގެ އެންމެ މޮޅުކުޅުންތެރިއަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.
ސްޕެއިން އަދި އިންގްލޭންޑްގައިވެސް އެގައުމުތަކުގެ ލީގުގެ އެންމެ މޮޅުކުޅުންތެރިޔާކަށް ހޯދަފައިވާ ރޮނާލްޑޯ، ޔުވެންޓަސްއާއެކު އިޓާލިއަން ސީރީއާވަނީ ކާމިޔާބުކޮށްފައެވެ.
ޔުވެންޓަސްއިން ޖެހިޖެހިގެން 8 ފަހަރަށް އިޓާލިއަން ސީރީއާ ކާމިޔާބުކޮށްފައިވެއެވެ. މިސީޒަންގެ ލީގު ކާމިޔާބުކުރުމަށް ރޮނާލްޑޯވަނީ ޔުވެންޓަސްއަށް ބޮޑު އެހީތެރިކަމެއްވެދީފައެވެ. ލީގުގައި ރޮނާލްޑޯ 21 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
ލީގުގައި ބާކީ ދެމެޗު އޮތްއިރު ޔުވެންޓަސްއަށް ލީގުވަނީ ކަށަވަރުވެފައެވެ. 89 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި ޔުވެންޓަސް އޮތްއިރު ދެވަނާގައި އޮތް ނަޕޯލީއަށް ލިބިފައިވަނީ 76 ޕޮއިންޓެވެ
ސީރީއާގެ އެވޯޑްތައް ދެމުން އަންނަނީ ސީޒަން ނިމުމަށްފަހުގައި ކަމަށްވީނަމަވެސް ރޮނާލްޑޯ ޙާސިލްކުރި މިއެވޯޑް މިރޭ ޔުވެންޓަސް އަޓްލަންޓާއާއި ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ޙަވާލުކުރާނެއެވެ. ޔުވެންޓަސްގެ ލީގު ފަހު މެޗަކީ އަވޭ މެޗެކެވެ.

ފަސް ބެލެންޑޯ ކާމިޔާބުކޮށްފައިވާ އުމުރުން 34 އަހަރުގެ ރޮނާލްޑޯ ރެއަލްމެޑްރިޑް ދޫކުން ޔުވެންޓަސްއާއި ގުޅުނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައެވެ. ރޮނާލްޑޯ ރެއަލްމެޑްރިޑް ދޫކޮށްލިއިރު ރެއަލްމެޑްރިޑްއާއެކު ޖެހިޖެހިގެން 3 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ. އަދި ރެއަލްމެޑްރިޑަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީވެސް ރޮނާލްޑޯއެވެ. ރޮނާލްޑޯ ރެއަލްމެޑްރިޑަށް ކުޅުނު 9 ސީޒަންގައި ޖުމްލަ 450 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
ފަސް އަހަރަށްފަހު ޔުވެންޓަސް ދޫކޮށްލުމަށް ކޯޗު މެސެމިލިއާނޯ އަލެގްރީ ނިންމައިފިއިވާއިރު މިރޭގެ މެޗުގެ ކުރިން އަލެގްރީއަށްވެސް ޚާއްސަ އެވޯޑެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލެވޭ އިތުރު އެވޯޑަކަށް ބަލާލާއިރު މިސީޒަންގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ އިންޓަމިލާންގެ ގޯލްކީޕަރު ސަމީރު ހޭންޑަނޯވިކްއެވެ.



