ސަފާރީ ރޭޕް: "މެންދުރު"ގެ ބަޔާނަކީ ދޮގު ބަޔާނެއް: ވަކީލުން

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެން ކުއްޖަކު ރޭޕްކުރިކަމަށް ބުނެ "މެންދުރު" އޮންލައިންގައި ޝާއިއުކޮށްފައިވާ ބަޔާނަކީ ދޮގު ބަޔާނެއް ކަމަށް މި ހާދިސާގައި އަނިޔާ ލިބުނު ބިދޭސީ އަންހެން ކުއްޖާގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

މިމައްސަލައިގައި ބިދޭސީ އަންހެން ކުއްޖާގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލުންގެ ޓީމުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މެންދުރު އޮންލައިންގައި ޝާއީޢުކޮށްފައިވާ ނޫސް ބަޔާންގައި ބަޔާންކޮށްފައިވާ އަލްއުސްތާޛާ އާޒިމާ ޝުކޫރަކީ، މުވައްކިލު އެއްވެސް މިންވަރަކަށް ދަންނަ ފަރާތެއް ނޫން ކަމަށާއި، އަދި އެއްވެސް އިރެއްގައި އަލްއުސްތާޛާ އާޒިމާ ޝުކޫރު މުވައްކިލާ އެއްވެސް ބާވަތެއްގެ މުޢާމަލާތެއްކޮށްފައި ނުވާނެ ކަމަށެވެ.

އެހެންކަމުން، މެންދުރު އޮންލައިންގައި ޝާއިޢުކޮށްފައިވާ ނޫސް ބަޔާންގައި މުވައްކިލާ ޙަވާލާދީ ޝާއިޢުކޮށްފައިވާ މަޢުލޫމާތަކީ ކަނޑައެޅިގެން ޞައްޙަ ނޫން މަޢުލޫމާތެއް ކަމަށެވެ. ވީމާ، ބުނެވިދިޔަ ނޫސްބަޔާން މި ހިނދުން މި ހިނދަށް ވެބްސައިޓުން ނެޤުމަށް މެންދުރު އޮންލައިނަށް އަންގާ ކަމަށް ވަކީލުންގެ ޓީމުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މިމައްސަލައިގައި އަލްއުސްތާޛާ އާޒިމާ ޝުކޫރުވެސްވަނީ މެންދުރު އޮންލައިންއިން އިއްޔެނެރުނު ބަޔާނަކީ ދޮގު ބަޔާނެއް ކަމަށް ބުނެފައެވެ.

26 ޖޫން 2020 ގައި ”ސަފާރީގައި ރޭޕް ކުރި އަންހެންކުއްޖާގެ ދުލުން އެބިރުވެރި ނުބައި އަމަލާއި އަދި ބޭއިންސާފުގެ ވާހަކަތައް“ ނަމުގައި ލިޔުނު އާރޓިކަލް އާއި ބެހޭގޮތުން މެންދުރު އޮންލައިން އިން ނެރުނު ބަޔާން ފޭސްބުކްގައި ހިއްސާކޮށް، އެޔަށް ރައްދުދެމުން އާޒިމާ ބުނެފައިވަނީ، އެ މައުލޫމާތަކީ ކަންޑައެޅިގެން ދޮގެއް ކަމަށާއި، އަދި އެފަދަ އެއްވެސް ނޫހަކަށް މައުލޫމާތު ދީފައެއް ނުވާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ