މިއަހަރު މިހާތަނަށް 12 ފުލުހަކު ވަޒީފާއިން ވަކިކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީކުއްތަކުގެ ތަފާތު ހިސާބު އާއްމުކޮށްފައިވާއިރު، ބަދުއާޚްލާގީ މައްސަލަތަކާއި ގުޅިގެން ވަކިކުރި 2 ފުލުހަކާއި، ޤަވާއިދާއި ޚިލާފްވެގެން ވަކިކުރި 2 ފުލުހަކާއި، އިހުމާލުވެގެން ވަކިކުރި ފުލުހަކާއި، ފުލުހެއްގެ ގައިގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި ޚިލާފްވެގެން ވަކިކުރި ފުލުހަކާއި، ވަޒީފާއަށް ފިލުމުގެ ސަބަބުން ވަކިކުރި ފުލުހަކާއި، ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކިކޮށްފައިވާ 3 ފުލުހެއްގެ އިތުރުން ވަޒީފާއަށް ހާޒިރުނުވުމުން ވަކިކޮށްފައިވާ 2 ފުލުހެއް ހިމެނޭކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ.
ޕީއެސްސީގެ ތަފާސް ހިސާބު އާންމުކޮށްފައިވާއިރު، އޭގެތެރޭގައި ފްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް (ޕީއެސްސީ) އިން މިހާތަނަށް ބަލާފައިވާ މައްސަލަތަކުގެ ތަފްސީލްތައް ހިމަނާފައި ވެއެވެ.
ގަވާއިދާ ހިލާފުވުމުގެ ސަބަބުން ދެ ފުލުހަކަށް ފިޔަވަޅު އަޅާފައިވާކަން ވެސް ޕީއެސްސީ ތަފާތު ހިސާބުތަކުން އެނގިފައިވެއެވެ. އަދި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުން އެއް ފުލުހެއްގެ ރޭންކު ދަށްކޮށްފައިވާއިރު، 15 ފުލުހަކަށް ނަސެހަތާއި އިންޒާރު ދެވިފައިވާ ކަމަށްވެސް ޕީއެސްސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން ފުލުހުންނާއި ގުޅޭ ޖުމްލަ 97 މައްސަލައެއް ޕީއެސްސީގައި ކޭސްކުރެވިފައިވެއެވެ. އަދި ފާއިތުވި އަހަރު އެކި ސަބަބުތަކާއިހުރެ 21 މުވައްޒަފަކު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ.



