އެމެރިކާގައި ޗައިނާގެ އެޖެންޓެއްގެ ގޮތުގައި ޖާސޫސް ކޮށްދިނުމަށް ހަރަކާތްތެރިވެފައިވާނެ ކަމަށް ސިންގަޕޫރުގެ ރައްޔިތަކު އެމެރިކާގެ ކޯޓެއްގައި އެއްބަސް ވެއްޖެއެވެ.
އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ޖުން ވެއި ޔިއޯ 2015 ވަނަ އަހަރުން 2019 ވަނަ އަހަރުގެ ނިޔަލަށް ގާނޫނާ ހިލާފަށް ޗައިނާގެ އޭޖެންޓެއްގެ ގޮތުގައި އެމެރިކާގައި ޖާސޫސްކުރުމުގެ މަސައްކަތް ކޮށްފައިވާކަން ފެޑެރަލް ކޯޓެއްގައި އިއުތިރާފުވެފައިވާ ކަމަށެވެ.
ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ޗައިނާގެ އެޖެންޓެއްގެ ގޮތުގައި ޖުން ވެއި ޔިއޯ މަސައްކަތް ކުރަން ފަށައިފައިވަނީ 2015 ވަނަ އަހަރު އެވެ. އަދި ޖުން ވެއި ޔިއޯ ޗައިނާގެ އެޖެންޓެއްގެ ގޮތުގައި ރެކްރޯޓް ކުރުމުގެ ކުރިން އޭނާ އަށް ޗައިނާގައި ވަނީ ޕްރެޒެންޓޭޝަނެއް ވެސް ދީފައި ކަމަށް ލިޔުންތަކުން އެނގެ އެވެ. އަދި އެ ދުވަސްވަރު އޭނާ އަކީ ޕްރެސްޓީޖިއަސް ސިންގަޕޯރިއަށް ޔުނިވާސިޓީގެ ޕީއެޗްޑީ ދަރިވަރެކެވެ.
ޖުން ވެއި ޔިއޯ ފެޑެރަލް ކޯޓުގައި އިއުތިރާފްވެފައިވާ ބަޔާނުގައި ވާގޮތުން، ޖުން ވެއި ޔިއޯ އެމެރިކާއާއި ބެހޭ ސިއްރު މައުލޫމާތު ހޯދުމަށް މީހުންނާއި މުއާމަލާތު ކުރުމަށް ބޭނުން ކޮށްފައިވަނީ ރަސްމީ ވެބްސައިޓިތަކެވެ. މީގެތެރޭގައި ލިންކްޑްއިން ފަދަ ވެބްސައިޓުތައް ބޭނުން ކޮށްފައިވާ ކަމަށް ބެލެވެއެވެ.
ޗައިނާއަށް ޖާސޫސް ކޮށްދޭ ކަމުގެ ކުށުގައި ޖުން ވެއި ޔިއޯ ހައްޔަރު ކޮށްފައިވަނީ 2019 ވަނަ އަހަރު އެމެރިކާއިންނެވެ.
މިފަހަކަށް އައިސް އެމެރިކާއާއި އަދި ޗައިނާގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ. މިގޮތުން އެމެރިކާ އާއި ޗައިނާއިން ވަނީ އެގައުމުތަކުގައި ހުރި ބަޔެއް އެމްބަސީތައްވެސް ބަންދުކޮށްފައެވެ.
އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ޗައިނާއިން އަންނަނީ އެމެރިކާގެ ފިކުރީ މުދާ ވަގަށް ނަގަމުންނެވެ. ނަމަވެސް ޗައިނާއިން މި ތުހުމަތުތައް ދޮގު ކުރެއެވެ.




