ޔުވެންޓަސްއިން ޖެހިޖެހިގެން 9 ވަނަ ފަހަރަށް އިޓާލިއަން ސެރީއާ ކާމިޔާބުކޮށްފިއެވެ.
ޔުވެންޓަސްއިން މިސީޒަންގެ ސެރީއާ ޔަޤީންކޮށްފައިވަނީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ސަމްޕްޑޯރިއޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިމޮޅާއެކު ޔުވެންޓަސް ސެރީއާ ތަށި ޔަޤީންވަނީ މިހާތަނަށް ކުޅުނު 36 މެޗުން ލިބިފައިވާ 83 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް އިންޓަރ މިލާންއަށް 36 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ.
ރޭ ޔުވެންޓަސް ޖެހި ދެލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން މިލަނޑަކީ ސެރީއާގެ މިސީޒަންގައި އޭނާ ކާމިޔާބުކޮށްދިން 31 ވަނަ ލަނޑެވެ.
ޔުވެންޓަސްގެ ދެވަނަ ލަނޑު މެޗުގެ67 ވަނަ މިނަޓްގައި ކާމިޔާބުކޮށްދީފައިވަނީ ފެޑެރިކޯ ބާނަޑެސްކީ އެވެ. އޭގެ ދިހަ މިނަޓްފަހުން ސަމްޕްޑޯރިއާގެ މޯޓެން ތޯސްބީވަނީ ރަތްކާޑެއް ދައްކައި ދަނޑު ފޮނުވާލާފައެވެ.
މިސީޒަންގެ ސެރީއާ ޔުވެންޓަސްއިން އުފުލާލާފައިވާއިރު، މިކާމިޔާބީގައި ރޮނާލްޑޯގެ ޙިއްސާ ވަރަށް ބޮޑެވެ. އޭނާ ވަނީ މިސީޒަންގެ ސެރީއާގައި ކުޅުނު 32 މެޗުން 31 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިސީޒަންގެ ޓޮޕްސްކޯރަ ލިސްޓްގެ ދެވަނާގައި ރޮނާލްޑޯ އުޅޭއިރު މިލިސްޓްގެ އެއްވަނާގައި ލާޒިއޯގެ ޗީރޯ އިމޮބިލޭ އޮތީ 34 ލަނޑާއެކުގައެވެ. މިދެކުޅުންތެރިންނަށްވެސް ސީޒަންގައި ބާކީ ދެ މެޗު އަދި އެބައޮތެވެ.

މިއީ ޔުވެންޓަސްއިން އިޓާލިއަން ސެރީއާ ކާމިޔާބުކުރި 36 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ކްލަބަކީވެސް ޔުވެންޓަސްއެވެ. 2012 ވަނަ އަހަރުން ފެށިގެން ޖެހި ޖެހިގެން ޔުވެންޓަސްއިން މިތަށި ކާމިޔާބުކުރަމުން އަންނައިރު، ޔުވެންޓަސް ނޫން ކްލަބަކުން މިތަށި އެންމެފަހުން އުފުލާލާފައިވަނީ 2011 ވަނަ އަހަރުއެވެ. އެއަހަރުގެ ތަށި އުފުލާލާފައިވަނީ އޭސީ މިލާން އިންނެވެ.




