ލަލީގާ – ދެމިނެޓުން ދެގޯލް މެސީ ޖެހިނަމަވެސް ބާސާއިން މެޗު ނިންމާލަން ޖެހުނީ އެއްވަރުވެގެން

ލަލީގާގައި އީބާއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ބާސާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުން ދެމިނަޓްތެރޭ ދެގޯލް ފެނިގެން ދިޔަނަމަވެސް ބާސާއިން މިރޭގެ މެޗު ނިންމާލަން ޖެހުނީ ދެޓީމު އެއްވަރު ވެގެންނެވެ.

2-2 ގެ ނަތީޖާއަކުން އެއްވަރުވި މިމެޗުގައި ފެނިގެން ދިޔަ ހުރިހާ ލަނޑެއްވެސް ފެނިފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ބާސާގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. މިދެލަނޑު ފެނިގެންދިޔައީ މެޗުގެ 31 އަދި 32 ވަނަ މިނަޓްގައެވެ.

މިސީޒަން މެސީ ނިންމާލީ ލީގުގައި އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިންގެ ލިސްޓްގެ އެއްވަނާގައި އޮވެ "ޕިޗިޗީ އެވޯޑު" އާއިއެކުގަައެވެ. މިސީޒަންގައި މެސީ 36 ލީގު ގޯލް ކާމިޔާބުކޮށްފައިވެއެވެ.

މިއީ މެސީއަށް ޕިޗިޗީ އެވޯޑު ލިބުނު ހަވަނަ ސީޒަންގެ އިތުރުން ޖެހިޖެހިން އެ އެވޯޑު ލިބުނުވެސް ތިންވަނަ ސީޒަނެވެ. މިފަހަރުގެ އެވޯޑާއެކު މެސީ ވަނީ މީގެ 66 އަހަރު ކުރިން އެތުލެޓިކޯ ބިލްބާއޯގެ ޓެލްމޯ ޒާރާ ހަދާފައިވާ ރެކޯޑާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ލަނޑުޖެހީ އީބާއިންނެވެ. 20 މިނަޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުކުރެއްލާއެވެ. މިލަނޑު ޖަހައި މާގިނައިރެއްނުވެ ބާސާގެ މެސީ ފުލުފުލުން ދެލަނޑުޖަހާ ނަތީޖާ އަނެއްކޮޅަށް އަނބުރާލިއެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުގެ ކުރިން އީބާއިން އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. 45 ވަނަ މިނަޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިބްލަސިސްއެވެ.

ލިއޮނަލް މެސީ - ފޮޓޯ: މަރްކާ

މެސީއަށް ހެޓްރިކް ހަދަން ލިބުނު ފުރުޞަތުގައި 15 ޔާޑު ދުރުން ފޮނުވާލި ހަމަލާދިޔައީ ގޯލްދަނޑި މަތިންނެވެ. އީބާގެ ކުކުރެއްލާއަށް އޭނާގެ ދެވަނަ ލަނޑުޖަހަށް ލިބުނު ރަނުގެ ފުރުޞަތުގެވެސް ބޭނުންވަނީ ހިފޭގޮތްނުވެފައެވެ. ހަ ޔާޑު ދުރުގައި ހުރެފައި ފޮނުވާލި މިހަމަލާދިޔައީ ގޯލާވެސް އަމާޒުނުވެއެވެ.

ލީގު ނިމުމުގެ މާކުރިން ބާސާއަށްވަނީ ލީގު ކަށަވަރުވެފައެވެ. 87 ޕޮއިންޓާއެކު ބާސާއިން ލީގު ނިންމާލިއިރު ދެވަނަގައި އޮތް އެތުލެޓިކޯއަށްވުރެ އިތުރަށް 11 ޕޮއިންޓްވަނީ ލިބިފައެވެ.

ބާސާއިން ދެން ތައްޔާރުވާނީ ކޮޕަޑެލްރޭ ފައިނަލަށެވެ. މިފައިނަލް މެޗުގައި ބާސާއިން ވެލެންސިއާއާއި ދެކޮޅަށް ނިކުންނައިރު މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ