ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަށް އިންޑިއާއިން 85 މިލިއަން ރުފިޔާގެ އެހީ ދީފި

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަށް އިންޑިއާއިން 85 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ.

އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ރަމްޒީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދުވަނީ ބާއްވާފައެވެ.

މިއަދު ހަވީރު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި 85 މިލިއަން ރުފިޔާގެ އެހީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.

މިއާއެކު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ 9 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެންދާނެއެވެ.

މި 9 ޕްރޮޖެކްޓަކީ އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގައި ގޭދޮށު މަސް ފެކްޓްރީ ޤާއިމްކުރުމުގެ މަޝްރޫޢާއި، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްޤީކުރުމުގެ އިތުރުން ހއ ހޯރަފުށީގައި ބޯފެން ބަންދުކުރާ ޕްލާންޓެއް ޤާއިމްކުރުމުގެ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓްތައް ހިންގުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެއްވިފައެވެ. މި ޕްރޮޖެކްޓްތަކަކީ 2019 މާޗް 17 ވަނަ ދުވަހު ދިވެހިރާއްޖެއާ އިންޑިއާ އާ ދެމެދު ސޮއެކުރެވުނު އެހީގެ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެވެ.

ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ އަދި ހޯރަފުށީގެ މަޖިލިސް މެމްބަރުންނާއި ފޮރިން މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި އައްޑޫ ސިޓީ މޭޔަރާއި، ހޯރަފުށީ ކައުންސިލްގެ ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލުންނާއި، ފިނޭންސް މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އޮފިޝަލުން ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަތެވެ.

ނޯޓް: މިއީ ކުރިން ސޮއިކުރެވިފައި ހުރި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް، އެމަސައްކަތަށް ބޭނުންވާ ފައިސާ ރަސްމީކޮށް ދިވެހި ސަރުކާރާއި މިއަދު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެވެ.

ޚަބަރު: މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ