ރެއަލްމެޑްރިޑުގެ ކުރިއަށް ކުޅެމުން އަންނަ މަރިއާނޯ ޑިއޭޒް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރެއަލްމެޑްރިޑުގެ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށާފައިމިވަނީ ކުޑަ ދުވަސްކޮޅެއްގެ ޗުއްޓީއަށް އެކުޅުންތެރިންނަށް ދިނުމަށްފަހު، ޗެމްޕިއަންސް ލީގަށް ފަރިތަކުރުންތައް ފަށަށް އަލުން ތައްޔާރުވަމުން އަންނަނިކޮށެވެ.
އެގޮތުން އިއްޔެ ކުރި ޓެސްޓުތަކުގެ ތެރެއިން މަރިއާނޯ ޑިއޭޒް ކޮވިޑް-19 ޕޮޒިޓިވްވެފައިވާކަން ރެއަލްމެޑްރިޑުންވަނީ ހާމަކޮށްފައެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށާއި، މިވަގުތު މަރިއާނޯ ހުރީ އައިސޮލޭޝަންގައިކަމަށްވެސް ރެއަލްމެޑްރިޑުންވަނީ ހާމަކޮށްފައެވެ. އެހެންކަމުން އޮގަސްޓް 7 ވަނަ ދުވަހު ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ބުރުގައި މެންޗެސްޓާރ ސިޓީއާއި ދެކޮޅަށް ރެއަލްމެޑްރިޑުން ނުކުންނަ މެޗުން މަރިއާނޯ ނެފުނުން ވަރަށް ގާތެވެ.
Mariano medical report.#RealMadrid
— Real Madrid C.F. ???? (@realmadriden) July 28, 2020
މަރިއާނޯ ފިޔަވައި ޓީމުގެ ބާކީ އެހެން ކުޅުންތެރިންތައް މިއަދު ވަނީ ފަރިތަކުރުންތައް ފަށާފައެވެ.
ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ބުރުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއަލްމެޑްރިޑުވަނީ 1-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީއަތުން ދަށްވެފައެވެ.




