ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފުލުހުން އަދަދު ދަނީ އިތުރުވަމުން

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފުލުހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާއިން މިރޭ ވިދާޅުވެއްޖެއެެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތަކާ ހިލާފަށް މަގުމައްޗަށް އެއްވެ، އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއްނެތި، ބައެއް މީހުން މާސްކްވެސް ނާޅާ އެއްވުންތައް ކުރިއަށް ގެންދާކަން ފާހަގަ ކުރެވިފައިވާކަމަށާއި، އަދި މިވަގުތަކީ ކޮވިޑް-19 އަށް ރާއްޖެއިން މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެތިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް އެދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންވެސް ފައްސިވާ އަދަދުވެސް އިތުރުވަމުންދާ ދުވަސްވަރަކަށްވެފައި، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެތިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް މި ސަރވިސްއިން އިލްތިމާސްކޮށް ހަނދުމަކޮށްދެމެވެ". ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނަކީ އިދިކޮޅު ފަރާތްތަކުން މާލޭގައި ސިލްސިލާކޮށް މުޒާހަރާ ބާއްވަން ނިންމައި، މިރޭވެސް މުޒާހަރާ ކުރިއަށް ގެންދާތީވެ އެކަމާއި ގުޅިގެން ނެރުނު ބަޔާނެކެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު” އިން ބާރުލިބިގެން ހަދާފައިވާ "އެއްވުމާގުޅޭ ގޮތުން ޚަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ފާސް، ޢަބަދުވެސް ފެންނަން ހުންނާނޭ ގޮތަށް އަޅައިގެން ހަރަކާތްތެރިވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެއްވުންތައް ކަވަރު ކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް ވީހާވެސް ގާތުން އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ ގޮތުން އެއްވުންތައް ހިނގަމުންދާ ސަރަހައްދު ތަކުގައި ޕޮލިސް މީޑިޔާގެ ފަރާތުން އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 3369 މީހަކު ޕޮޒިޓިވްވެފައިވާއިރު، 2547 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 15 މީހަކު މިބަލީގައި ރާއްޖެއިން ނިޔާވެފައިވާއިރު، 792 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ