ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ވަކީލުންނާއި ބައްދަލުކުރެވޭނެ ގޮތްހެއްދެވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ގޮވާލައްވައިފިއެވެ.
ޝަހީމް ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުޞަތު ނުދެއްވުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށާއި ކޯޓުގެ އެންގުން ތަންފީޒުކޮށް ލަސް ނުކުރައްވައި އެމަނިކުފާނަށް ވަކީލުންނާއި ބައްދަލުކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށެވެ.
ރައީސް ޔާމިން އަށް ވަކީލުންނާއި ބައްދަލު ނުކުރެވޭ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ މާޗު މަހުގެ ފަހުކޮޅުން ފެށިގެން، އެމަނިކުފާނަށް ވަކީލުންނާ ބައްދަލުކުރައްވައި، ގާނޫނީ ލަފާ ހޯއްދެވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
R Yaameen ah emanikufaanuge vakeelunaa baddhalu kurevvumuge furusathu nudhevvumaki inthihaa ah kanboduvaa kameh. Court ge engun thanfeezkoh las nukuravai wakeelunaa badhalu kurevveyne goy hadhavaa dhevvumah edhi govaalan.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 28, 2020
ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަޞީލަތްތައް ލިބުމާއި، އަދި އެމީހަކު އިޚްތިޔާރު ކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާ ކުރުމަށް ފުރުޞަތު ލިބުމަކީ ޤާނޫނު އަސާސީގެ ދަށުން ކޮންމެ މީހަކަށްވެސް ލިބިދޭ ޙައްޤެއްކަމަށެވެ.
މި ޙައްޤަކީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހިފަހައްޓައިގެން ނުވާނޭ ޙައްޤެއްކަމަށް ޤާނޫނު އަސާސީގެ 255 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، ކޮވިޑް އާއި ގުޅިގެންކަމަށް ބަޔާންކޮށް މާރިޗު މަހުގެ ފަހު ކޮޅުން ފެށިގެން ރައީސް ޔާމީންއަށް ޤާނޫނީ ވަކީލުންނާއި ބައްދަލުކޮށް ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ޙައްޤައް ހުރަސް އަޅާފައިވާކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.




