އަންހެން މީހާ އެނބުރުނު ވަގުތު ރާއިދާއި އެ މީހާގެ ހަތަރު ކަޅި ބައްދަލުވިއެވެ. އޭރު އަންހެން މީހާގެ ލޮލުން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. ރާއިދުވެސް ހުރީ ކުރިއަށް ފިޔަވަޅު އަޅަން ނޭނގިފައެވެ. އެއީ ހަމަ އެ ދެލޮލެވެ. އެ މައުސޫމު މޫނެވެ. އަދި އެ ރީތި ތުންފަތެވެ. ދުވަސްވުމުން ކުޑަކޮށް ހަރު ވައްތަރު ޖަހާ، މޫނުގައި ކުޑަކޮށް މަސްޖަހާލާފައި ހުރި ނަމަވެސް އެ މޫނު ރާއިދަކަށް ނޯޅޭނެއެވެ. އާނއެކެވެ! އެއީ އޭނާ އެންމެ ލޯބިވި އަންހެންކުއްޖާއެވެ. އޭނާގެ ޝާޔަންއެވެ.
ކޮޓަރީގައި ތިބި އެހެންމީހުންގެ ނަޒަރު ރާއިދުއަށް ހުއްޓިފައިވާތަން ފެނި އެތާ ދެން އިން ފިރިހެން ކުއްޖާވެސް އެނބުރި ރާއިދުއާ ދިމާއަށް ބަލާލިއެވެ. ފެންނަ ފެނުމަށް އެކުއްޖާ ޒާންއަށްވުރެ ހަގުހެން ހީވެއެވެ. ބިލާލް ބޭނުންވީ އެދެމީހުންނަށް އެކަނި ވަގުތުކޮޅެއް ދީފައި އެތަނުން ނުކުންނާށެވެ. އެހެންކަމުން އެތާ އިން ފިރިހެން ކުއްޖާ ގޮވައިގެން ބިލާލް ބޭރަށް ނުކުތެވެ. ކޮޓަރިތެރޭގައި ދެމީހުން އެކަނިވުމާއެކު ރާއިދު މަޑުމަޑުން ގޮސް ޝާޔަން ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އޭރު ޝާޔަން އިނީ އިސްދަށަށް ޖަހާލައިގެންނެވެ. އެވަގުތު ރާއިދުގެ ބޮލު ތެރޭގައި ބައިވަރު ސުވާލުތައް އެނބުރެމުން ދިޔަ ނަމަވެސް ދުލާ ހަމައަށް ގެނައުން ވީ ދަތި ކަމަކަށެވެ.
"ކީއްވެ؟" އެއްޗެއް ނުބުނެ އިރުގަނޑެއް ހޭދަވުމަށްފަހު އެންމެ ފުރަތަމަ ވާހަކަދައްކަން ފެށީ ރާއިދެވެ. އޭރު އޭނާގެ ލޯ ހުރީ ފެންކަޅިވެފައެވެ.
"މަޢާފަށް އެދުނަސް އަހަންނަށް އެނގޭ އަހަންނަށް ކުރެވުނީ މަޢާފު ޙައްޤުވާވަރުގެ ކުށެއް ނޫންކަން." ޝާޔަންގެ އަޑު އައީ ވަރަށް މަޑުންނެވެ. އިތުރަށް އޮޅުވާލައިގެން ވާނެ ފައިދާއެއް ނެތްކަން އޭނާއަށް ވިސްނުނުފަދައެވެ. މިހާރު އެ ހުރި ހިސާބުން ދެން ފިލަން ނުދެވޭނެކަން އޭނާއަށް އެނގެއެވެ. ފުރަތަމަ ރާއްޖެއަށް އަންނަން ޖެހުނު ޙާލަތުންވެސް އިތުރަށް ފިލައިގެން ނޫޅެވޭނެކަން އޭނާއަށް ޔަޤީންވިއެވެ. މާލެ އައީ އެ ހުރިހާ ކަމެއް އެނގިހުރެއެވެ.
"މަޢާފޭ؟ ޝާޔަންއަށް އެނގޭތަ ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން؟ ކުޅެވުނީ ކިތައް މީހުންގެ ދިރިއުޅުމާކަން؟" އިރެއް އިރަކަށްވުރެ ރާއިދުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް އޭރު އޭނާގެ ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ. އެ ދެލޮލުން ވޭނާއި ހިތާމައިގެ އިތުރުން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. އޭރު އޭނާ އިނީ ޝާޔަންއާ ދިމާއަށް އެނބުރިގެންނެވެ. ޝާޔަން އިސްދަށަށް ޖަހައިގެން އިންނަމަވެސް އިރުކޮޅަކާ ނޭފަތް ދަމާލާ އަޑު އިވެއެވެ. އެހެންކަމުން އޭނާވެސް ރޮނީކަން ރާއިދުއަށް އެނގުނެވެ.
"އެކަމަކު އަދިވެސް އަހަންނަކަށް ނޭނގެ އަސްލު ޝާޔަން އެހެން ކަންތައްކުރަންޖެހުނު ސަބަބެއް. ޙައްލު ހޯދަން މަސައްކަތްކުރިނަމަ އަހަރެން އެހީވާނެކަން ޝާޔަންއަށް އޮޅިފައެއް ނޯންނާނެ. އަހަންނަށް އިވުނީ މީހުން ދެއްކި ވާހަކަ. އެ ހުރިހާ ވާހަކައެއް އަހަރެން ޤަބޫލު ކުރިން. އެކަމަކު ޙަޤީގަތް ޝާޔަންގެ ދުލުން އަޑު އަހަން އަހަރެން ބޭނުން." ޝާޔަން ރޯކަން އެނގުމުން ރާއިދު ދެރަވިއެވެ. އެފަދަ ބޮޑު ފިޔަވަޅެއް ޝާޔަން ނަގާނީ ކޮންމެވެސް ބޮޑު މަޖުބޫރެއް ވެގެންކަމުގައި އޭނާގެ ސިކުނޑި ބުންޏެވެ.
ރާއިދު ދެއްކި ވާހަކަތައް ކަނުލާ އަޑުއަހަން ޝާޔަން އިރުކޮޅަކު އިނެވެ. އަދި ނޭފަތް އެތެރެއަށް ދަމާލުމަށްފަހު ކަންތައް ހިނގާދިޔަ ގޮތް ކިޔައިދޭން ފެށިއެވެ.
ޝާޔަންއާ ޔޫޝައު ދިމާވީ ފޭސްބުކުންނެވެ. އޭރު ޝާޔަން ހުރީ ގްރޭޑް ދިހައެއް ނިންމާފައި ވަޒީފާއެއް ލިބެންދެނެވެ. އެދުވަސްވަރު ރާއިދުވެސް ދިޔައީ ޝާޔަންގެ ފަހަތުން މުގޯލިއަޅަމުންނެވެ. ނަމަވެސް ބޭރުފުށުން ޝާޔަން އެހާ ގަޔާވާ ސިފައެއް ރާއިދުގެ ކިބައިގައި ނުހުރެއެވެ. ފޭސްބުކުން ފުރަތަމަ މެސެޖުކުރަން ފެށީ ޔޫޝައުއެވެ. ފޭސްބުކްގައި ހުރި ޔޫޝައުގެ ފޮޓޯތައް ފެނި ޝާޔަންއަށް އެ ސޫރަ ކަމުދިޔައެވެ. ފުރާވަރުގެ އެންމެ މަޖާ ދުވަސްވަރުކަމުން ޝާޔަންވެސް ޔޫޝައުއާ ވާހަކަ ދައްކަން ފެށިއެވެ. ދެކެވުނު ވާހަކައިން ދެމީހުން ނިސްބަތްވަނީ އެއް ރަށަކަށްކަން އެނގުނު ހިސާބުން އިތުރަށް ޝައުޤުވެރިވިއެވެ. ކަން ދިމާކުރިގޮތުން ދެމީހުންވީ ދެ އަވަށުގެ ދެމީހުންނަށެވެ. ނަމަވެސް އެކަން އެމީހުން މާ ބޮޑު ކަމަކަށް ނުހަދައެވެ. ވާހަކަ ދެއްކުމުގެ ސިލްސިލާ ގެންދިޔައީ ކުރިއަށެވެ. ވަކި ހިސާބަކުން ދެމީހުންވެސް އެކަކު އަނެކަކާ ގަޔާވާން ފެށިއެވެ. އެކަމަކު ގުޅުން ކުރިއަށް ގެންދާނެ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. ދެއަވަށުގެ މީހުންނަށް އެނގިއްޖެނަމަ ވާނެ ގޮތްވެސް އެދެމީހުންނަށް ރަނގަޅަށް އެނގެއެވެ. ޔޫޝައުއަކީ އޭނާގެ އަވަށުގައި ވަޒީފާއަކަށް ނުގޮސް އާވާރާވެގެން އުޅޭ މައި ގްރޫޕްގެ އެންމެ އިސް އެކަކެވެ. އެމީހުންގެ މައިގަނޑު މަސައްކަތަކީ މަސްތުވާތަކެތީގެ ވިޔަފާރިއެވެ. އެންމެފަހުން ގްރޫޕް މީހުންގެ އެހީގައި ދަންވަރު އެންމެންނާ ސިއްރުން ޝާޔަންއާ ބައްދަލުކުރުމަށްޓަކައި ޔޫޝައު އަނެއް އަވަށަށް ދާން ފެށިއެވެ. ޝާޔަންއަށްވެސް އެ ގޮތް ކަމުދިޔައެވެ. ނަމަވެސް އެކަން ކުރިއަށް ގެންދެވުނީ ކުޑަ ދުވަސްކޮޅަކަށެވެ. ޝާޔަން ދަންވަރު ނުކުންނަކަން މަންމައަށް ފަޅާ އެރި ހިސާބުން އެކަން ހުއްޓާލަންޖެހުނެވެ. އަމުދުން ޔޫޝައުއަކީ އަނެއް އަވަށަށް ނިސްބަތްވާ ކުއްޖެއްކަން އެނގުނުމުން ޒުބޭދާ ޝާޔަން ގެއިން ނުކުތުން މަނާކުރިއެވެ. އޭރު ރާއިދު އޮތީ ޝާޔަންގެ ކައިވެންޏަށް އެދި ޒުބޭދާއާ ވާހަކަ ދައްކާފައެވެ. ރާއިދުއަކީ އެ އަވަށު ކުއްޖަކަށްވުމުގެ އިތުރުން ޝާޔަން ދެކެ ލޯބިވާ، ރަނގަޅު ވަޒީފާއެއްގައި އުޅޭ ހަރުދަނާ ކުއްޖެއްކަން ޒުބޭދާއަށް އެނގެއެވެ. އެހެންކަމުން އެއްވެސް މީހެއްގެ އެހީއާ ނުލާ އެހާ ޙާލުން ބަލާ ބޮޑުކުރި ދަރިފުޅަށް އެންމެ ރަނގަޅު ގޮތަކީ ރާއިދުއާ އަވަހަށް ކައިވެނިކުރުވުންކަމުގައި ޒުބޭދާ ނިންމިއެވެ. އަދި ގޯސް ފިޔަވަޅެއް އަޅައިފާނެތީ އެކައިވެނިކުރުމަށް ޝާޔަންއަށް މަޖުބޫރު ކުރުވިއެވެ. މަންމަ ގޮތް ދޫނުކުރާނެކަން އެނގޭތީ ޝާޔަން އެންމެ ފަހުން ރާއިދުއާ އިންނަން އެއްބަސްވިއެވެ. އަދި ޔޫޝައު މަތިން ހަނދާން ނައްތާލަން ނިންމިއެވެ.
ތަޤުދީރުގައި ރޭވިފައި އޮންނަ ކަންކަން އެކަކަށްވެސް ނޭނގެއެވެ. ތިމާ ބޭނުންވާ ގޮތަކަށް ކިތަންމެ ވަރަކަށް ކަންތައްތައް ރޭވި ނަމަވެސް ގިނަފަހަރު އެ ރޭވުމާ އެއްގޮތަށް ދަނީ މަދު ކަމެކެވެ. ޝާޔަންއަށްވެސް ވީ އެހެންނެވެ. ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް ދަރިއަކު ލިބުނެވެ. ޝާޔަންއާ ހެދި ރާއިދު ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް އޭނާގެ ހިތުގައި ރާއިދުގެ މައްޗަށް އެއްވެސް ވަރަކަށް ލޯބި އަށަގަންނަ ގޮތެއް ނުވިއެވެ. ވަޒީފާގެ ގޮތުން ރާއިދު ގިނައިން އުޅެނީ ރަށުން ބޭރުގައެވެ. ރާއިދުގެ އަޅާލުމާއި ލޯބި ކިތަންމެ ފުރިހަމައަށް ލިބުނު ނަމަވެސް މައިދަތަގެ ހިތް އޭނާގެ މައްޗަށް ހެޔޮ ނޫންކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޝާޔަންއަށް އެނގެއެވެ. ކޮންމެ ދުވަހަކު މައިދައިތަގެ ދުލުން ނުކުންނަ ވިހަ ގަދަ ބަސްތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ޝާޔަން އެކަން އޭނާގެ މަންމަ އަދި ރާއިދުއަށް ސިއްރު ކުރިއެވެ.
އެގޮތުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް ޝާޔަންގެ ނަންބަރު ހޯދައިގެން އަނެއްކާ ޔޫޝައު ގުޅަން ފެށިއެވެ. އޭރު ޒާންއަށް ދެ އަހަރެވެ. އުޅެންޖެހޭ ހިތާމަވެރި އަދި އެކަނިވެރި ދިރިއުޅުމުގެ ސަބަބުން ޝާޔަން ހުރީ ކެތްތެރިކަން ކޮޅުންލާ ހިސާބުގައެވެ. އެކަކަށް ކިޔައި ނުދިން ނަމަވެސް މައިދައިތަ ކަންތައްކުރާ ގޮތުގެ ވާހަކަ ޝާޔަން ޔޫޝައުއާ ހިއްސާކުރަން ފެށިއެވެ. އެކަމާ ހިތްހަމަނުޖެހިގެން ރާއިދު ކައިރިން ވަރިވެގެން އޭނާ ކައިރިއަށް އައުމަށް ޔޫޝައު ކިތަންމެ ފަހަރަކު ޝާޔަން ކައިރީގައި އެދުނެވެ. ނަމަވެސް އޭރު އެގޮތަށް ކަންތައްކުރާކަށް ޝާޔަންއަކަށް ނުކެރުނެވެ. އެންމެ ފަހުން އެހެން ހުއްޓާ ރާއިދުގެ ކޮއްކޮ ރިޔާންގެ ގޯނާތަކާއި ޝާޔަންއަށް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ޝާޔަން އެކަން ޔޫޝައުއަށް ސިއްރުކުރިއެވެ. ނުކުންނާނެ ނަތީޖާ އެނގޭތީއެވެ. ޔޫޝައު ހުރީ ޝާޔަން ބޭނުންވާ ކޮންމެ ގޮތެއްވެސް ހަދަން ތައްޔާރަށެވެ. މީހެއްގެ ފުރާނަ ދުއްވާލުމަކީވެސް ޔޫޝައުއާ އޭނާގެ ގްރޫޕް މީހުންނަށް އުނދަގޫ ކަމެއް ނޫނެވެ.
ޒާންއަށް ފަސް އަހަރުވީފަހުން އަނެއްކާ ޝާޔަންއަށް އައު މުސީބާތަކާ ކުރިމަތިލާން ޖެހުނެވެ. މައިދައިތަ ނުހުންނަ ގަޑިގަޑީގައި ބަފައިބެގެ ކުދިކުދި ގޯނާތައް އަމާޒުވާންފެށިއެވެ. ޝާޔަންއަކީ ބަސްމަދު، ކިޔަމަންތެރި ކުއްޖެއްކަމާއި އެއްވެސް މީހެއްގެ ކައިރީ ބުނަން ނުކެރޭނެކަން އެނގޭތީ އޭގެ ނާޖާއިޒު ފައިދާ ރާޝިދު އެންމެ ފުރިހަމަ ގޮތުގައި ނަގަންފެށިއެވެ. އެކަމުގެ ސަބަބުން ޝާޔަންއަށް އިތުރު ނުތަނަވަސްކަމެއް ލިބުނެވެ. އެ ދިރިއުޅުމާ ދުރަށް ދާން ޝާޔަން ނިންމީ އެހާ ހިސާބުންނެވެ. އޭނާ ޤަބޫލުކުރި ގޮތުގައި އެ ވާހަކަތައް ދެއްކިނަމަވެސް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. ކޮންމެ ގޮތެއްވިޔަސް ރާއިދުއަށް މުހިންމުވާނީ އޭނާގެ ޢާއިލާއެވެ. ޒުބޭދާއަށް އަންގާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. އެއީ ރާއިދުއާ ވަކިވިޔަސް ޔޫޝައުއާ ގުޅެން ޒުބޭދާ އެއްބަސް ނުވާނެކަން ޔަޤީންވާތީއެވެ.
އެރަށުން ފިލައިގެން ދިއުމަށްޓަކައި ޔޫޝައުއާ އޭނާގެ ބައިވެރިން މޮޅު ރޭވުމެއް ރޭވިއެވެ. ކަންތައްކުރަންވީ ގޮތް ޔޫޝައު ދިޔައީ ޝާޔަންއަށް ވަރަށް ތަފްޞީލުކޮށް ކިޔައިދެމުންނެވެ. ކިތަންމެ ޖެހިލުންވި ނަމަވެސް އޭރު ޝާޔަން ހުރީ އެ ދިރިއުޅުން މަތިން މުޅިން ފޫހިވެ އަމިއްލަ އުފާ ހޯދުމަށް އެދި ފެން ބޮވައިގަނެފައެވެ.
ރޯކޮށްލުމަށްޓަކައި ޔޫޝައުމެން ޚިޔާރުކުރީ އެމީހުން ކައިރިއަށް މަސްތުވާ ތަކެތި ހޯދަން އަންނަ އެ އަވަށުގެ އަންހެންކުއްޖެކެވެ. އެކުއްޖާއަކީ ވިޔާނުދާކޮށް އުޅޭތީ ޢާއިލާއިން ނުބަލަން ދޫކޮށްލާފައި ހުންނަ ކުއްޖެކެވެ. އެކުއްޖާގެ ޢާއިލާ އެހެން މީހުން އުޅެނީ މާލޭގައެވެ. ޢާއިލާ މީހުން އެއްކުޖާއާ އެއްވެސް ގުޅުމެއް ނުބާއްވައެވެ. މަސްތުވާ ތަކެތި ގަތުމަށްޓަކައި އޭނާ ލާރި ހޯދަނީ ފިރިހެނުން ބުނާ ކަންކަން ކޮށްދީގެންނެވެ. އޭނާ އުޅޭގޮތް އެއަވަށުގެ ގިނަ މީހުންނަން އެނގެއެވެ. އެކަމާ އެމީހުން ތިބެނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެހެންކަމުން އޭނާ ގެއްލުނަސް އެނގޭނެ ނުވަތަ އަޅާލާނެ އެއްވެސް މީހަކު ނުހުންނާނެކަން ޔޫޝައުމެންނަށް އެނގެއެވެ.
އެރެއަށް ތައްޔާރުވީ އެމީހުން ވަރަށް ދުރާލާ ރާވައިގެންނެވެ. ރަށުން ފުރައިގެންދާނެ ލޯންޗަކާއި އިންޑިއާއަށް ފުރޭނެ އިންތިޒާމްވެސް ޔޫޝައުގެ ގްރޫޕް މީހުން އޮތީ ކުރިއްސުރެ ހަމަޖައްސާފައެވެ. އެހެންކަމުން ޝާޔަން މާބޮޑު ކަމަކާ ވިސްނާކަށް ނުޖެހުނެވެ. އަންހެން ކުއްޖާއަށް ހޭވެރިކަން ނުވާވަރަށް މަސްތުވާ އެއްޗެހި ދީގެން ގެންގޮސް ހުރިހާ ކަމެއް އެމީހުން ރޭވިގޮތަށް ނިންމާލީ އެއްވެސް މީހަކަށް ޝައްކު ނުވާ ގޮތަށެވެ.
އިންޑިއާ އަށް ދިއުމުން އެހީވާން އައީ ޔޫޝައުމެންގެ މަސްތުވާތަކެތީގެ ވިޔަފާރީގައި އެހީތެރިވެދޭ އެ ޤައުމުގެ އޭޖެންޓެކެވެ. އިންޑިއާގައިވެސް އެމީހުންގެ ގްރޫޕްތައް އޮވެއެވެ. އެމީހުން ކާން ބޯން ކުރާ މަސައްކަތަކީ ވައްކަންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިއެވެ. ޔޫޝައު ކޮންމެ ގޮތަކަށް ލާރި ހޯދި ނަމަވެސް ޝާޔަން ހުރީ ޔޫޝައުއާއެކީ އުޅެން ތައްޔާރަށެވެ. ކުރީގެ ދިރިއުޅުމަށް ދާން އޭނާ އެއްވެސް ވަރަކަށް ބޭނުމެއް ނުވިއެވެ.
އެހިސާބަށް ކިޔައިދިނުމަށްފަހު ޝާޔަން ރާއިދުއާ ދިމާއަށް ބަލާލިއެވެ. އޭރު ރާއިދު ހުރީ ގޮނޑިން ތެދުވެގެން ގޮސް ބޭރު ފެންނަގޮތަށް ހުރި ކުޑަ ދޮރެއްގެ ކައިރީގައި ޝާޔަންއަށް ފުރަގަސްދީގެންނެވެ.
"ދެން ކީއްވެ މިކޮޅަށް ތިޔަ އައީ؟" ރުޅިވެރިކަން އެކުލެވިފައިވާ އަޑަކުން ރާއިދު ސުވާލުކޮށްލިއެވެ.
"ވަރަށް ފަހުން ޔޫޝައުމެން ކުރި ބޮޑު ވައްކަމެއް ފަޅާއަރައިގެން އޭނާ ޖަލަށް ގެންދިޔައީ. އެކޮޅުން އަހަރެމެންނަށް އަޅާލާނެ އެއްވެސް މީހެއް ނުވި. އެހެންވެ އަހަރެމެން އެދުނީ ރާއްޖެ ޖަލަށް ބަދަލުކޮށްދިނުމަށް. ނަސީބަކުން އެކަން ހަމަޖެހުނު. ދެންމެ އަހަރެން ކައިރީގައި އިނދެފައި އެ ދިޔައީ އަހަންނާ ޔޫޝައުގެ ދަރިފުޅު." ޝާޔަންގެ ދުލުން "ދަރިފުޅު" އެ ލަފްޒު ނުކުތުމާއެކު ރާއިދު ކުއްލިއަކަށް އެނބުރުނެވެ. އަދި ޝާޔަންއާ ހަތަރު ކަޅި ބައްދަލުކޮށްލިއެވެ. އޭރު އެދެލޮލުން ފާޅުވަމުން ދިޔަ އަސަރުތައް މާނަކުރާކަށް ޝާޔަންއަށް އެއްގޮތަކަށްވެސް ނޭނގުނެވެ.
"ދަރިފުޅޭ ބުނާއިރު ޝާޔަން އެންމެ ފަހަރަކުވެސް އަހަރެމެންގެ ދަރިފުޅު މަތިން ހަނދާނެއް ނުވޭތަ؟ އެނގޭތަ ކޮންމެ ދުވަހަކު އެ ކުއްޖާ ޝާޔަން ގެނަސްދޭން އެދި ރުއި ރުއިން؟ އަހަރެމެން އުޅެން ޖެހުނު ޙާލު އަންދާޒާކޮށްލެވުނުތަ؟" ވާހަކަ ކުރިއަށް ނުގެންދެވިގެން ރާއިދު ކުޑަކޮށް މެދުކަނޑާލިއެވެ. ޙަޤީގަތް އެނގުމުން އޭނާ މިހާރު އެކަމާ ރޯކަށް ބެނުމެއް ނޫނެވެ. ނަމަވެސް އެ ހަނދާންތައް އާވުމުން އަދިވެސް ހިތަށް އަސަރުކުރެއެވެ.
"އެދުވަހުން ފެށިގެން ކޮންމެ ދުވަހެއް އަހަރެން މި ހޭދަކުރީ އަމިއްލަ ނަފްސު ކުށްވެރިކުރުމުގަ. ދިމާވިކަމެއް ދިމާވީ އަހަރެންގެ ޢާއިލާގެ ސަބަބުން ކަމުގަ ނިންމައިގެން. އަދި އެކަމުގަ ކޮންމެވެސް ވަރަކަށް އަހަރެންވެސް ޒިންމާވާކަމުގަ ޤަބޫލުކޮށްގެން. އަހަރެން ދެކެ ލޯބި ނުވިޔަސް އެއީ ޝާޔަންގެ ބަނޑުން އުފަންވީ ކުއްޖެއްނު. އެނގޭތަ ޝާޔަންގެ މަންމަ އުޅުނު ޙާލު؟ އެފަކީރަށް އެންމެ ފަހުން ކެތް ނުވެގެން ނިމި ދިޔައީ. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އަޑިގުޑަންތައް އަންނާނެ. ދުނިޔޭގެ ދިރިއުޅުމަކީ އިމްތިޙާނެއް. އެކަންކަމާ ކެތްކޮށް ޙުދޫދުގެ ތެރެއިން ކަންކަން ޙައްލު ކުރަން އުޅުނުނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް." ރާއިދު ވާހަކަދެއްކިއިރު ޝާޔަން ހުރީ ބަލަން ނުކެރިގެން އިސްދަށަށް ޖަހާލައިގެންނެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ފައިބައެވެ.
އިތުރަށް ޝާޔަންއާ ވާހަކަ ދައްކަން ބޭނުން ނުވާތީ ރާއިދު ބޭރަށް ނުކުތެވެ. ރާއިދު ނުކުތް ތަން ފެނިގެން ޝާޔަންގެ ދަރިފުޅު އަވަހަށް ކޮޓަރި ތެރެއަށް ދެމިގަތެވެ. އޭރު ބިލާލް އިނީ ޒާންއާ މުހައިމިނު ކައިރީގައި އިށީނދެގެންނެވެ.
ރާއިދު ނުކުމެ ޝާޔަން ދެއްކި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެވާހަކަތައް ކިޔައިދީ ނިމުނުއިރު ޒާން އިނީ އިސްދަށަށް ޖަހާލައިގެން ބިންމައްޗަށް ބަލާށެވެ. އޭނާ ވިސްނަމުން ދިޔައީ ކޮންކަމަކާ ކަމެއް ނޭނގެއެވެ.
"ދަރިފުޅު ބޭނުންތަ މަންމައާ ބައްދަލުކޮށްލަން؟" ޒާންގެ ބޮލުގައި ފިރުމާލަމުން ރާއިދު ސުވާލުކޮށްލިއެވެ.
އެސުވާލުގެ ޖަވާބުގައި ޒާން ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ މިހާރު މަންމަ ފެންނަ ހިސާބަށް ދާކަށް ބޭނުމެއް ނޫނެވެ. އެ ދެއްކި ހުރިހާ ވާހަކައިންވެސް ޒާންއަށް ނުވިސްނުނު އެއް ކަމެއް އެބައޮތެވެ. އެއީ އެ ހުރިހާކަމެއްގައި އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟ އެވަރުގެ ބޮޑު ކަމެއް ކުރިއިރު މައިވަންތަކަމުގެ ލޯތްބަށް ފެންބޮވައިގަނެގެން އޭނާ އުޅޭނެ ގޮތް އެ މަންމަޔަށް ހަމަ އިޙުސާސްނުކުރެވުނީބާއެވެ؟
އެއިންގޮތަށް އިނދެފައި އެއްވެސް އެއްޗެއް ނުބުނެ ޒާން ބޭރަށް ނުކުތުމަށްޓަކައި ހިނގައިގަތެވެ. އޭނާގެ ފަހަތުން މުހައިމިނުވެސް ތެދުވިއެވެ.
"ބިލާލް ޝާޔަންއަށް ދޭންވާ އަދަބެއް ދެއްވާ. އޭނާއަކީ މީގެ ފަނަރަ އަހަރު ކުރިން އަޅުގަނޑުމެންނަށް މަރުވެފައިވާ މީހެއް." ރާއިދު ނިންމި ގޮތް ބިލާލްއާ ހިއްސާކުރުމަށްފަހު އެތަނުން ނުކުންނަން ހިނގައިގަތެވެ.
ޝާޔަން ދެއްކި އަވާމެންދުރުގައި ޖެހި އުމުރުން ދުވަސްތަކެއް ބޭކާރުކުރެވުނީތީ މިއަދު ރާއިދު ދެރަވެއެވެ. ނަމަވެސް ދެން ކުރާނެކަމެއް ނެތެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ. އޭނާ އެކަމާ އިތުރަށް ހިތާމައެއް ނުކުރާނެއެވެ.
(ނިމުނީ)





ހިޔާލު
سما اسماعيلހާދަ މޮޅޭ ވާހަކަ ލިޔަން މިވާހަކައިގަ ނެތް ފުށުއަރާ އެއްވެސް ތަނެއް ވަރައްވެސް ރީތި ވާހަކަ
شكريه