އިދިކޮޅާ މަޝްވަރާ ކުރާނަމަ ކުރާނީ ކޮން ރައީސް އެއްކަން އެނގެންޖެހޭ ކަމުގައި ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާޙިމް ޝުޖާއު ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ޝުޖާ މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅާއެކު ސަރުކާރަށް މަޝްވަރާ ކުރެވޭނީ އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވުމުން ކަމުގައި ވިދާޅުވެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވާހަކަ ފުޅު ދެއްކެވުމާއި ގުޅިގެންނެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިޚްލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއްކަމަށާއި، އެގޮތުން ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި އެ ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭ ގޮތް ރައްޔިތުންނަށް ސާފުވުން ބެނުންތެރިކަމަށެވެ.
ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވައި ޝުޖާ ވިދާޅުވެފައި ވަނީ އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުއްޤައްޔޫމް ކަމަށާއި މިއީ ސުވާލެއް އޮތް ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ވާހަކަ ފުޅާށް ފާޑު ވިދާޅުވެ ޝުޖާ ވިދާޅުވެފައިވަނީ އިދިކޮޅާ ކަމަކާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރާނަމަ މަޝްވަރާ ކުރާނީ ކޮން ރައީސްއެއްކަންވެސް އެބަ އެނގެންޖެހޭކަމަށެވެ.
"ތިތަނުން އެގަހުކޭލެއް މިގަހު ކޭލެއް ނޭންގެ، ރައީސުލްޖުމްހޫރިއްޔާ އޮޅިއްޖެ" ނަޝީދުއަށް އިޝާރާތް ކުރައްވައި ޝުޖާ ވިދާޅުވެފައިވެއެވެ.



