އެމެރިކާއިން ކޮވިިޑް-19 އަށް ފައްސިވި ފުރަތަމަ ކުއްތާ، މަރުވެއްޖެ!

އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވި ކުއްތާ އެ ބަލީގައި މަރުވެއްޖެއެވެ. މި ކުއްތާ އަށް ދީފައިވާ ނަމަކީ، "ބަޑީ" އެވެ.

ޙަބަރުތަކުން މައުލޫމާތު ލިބޭގޮތުގައި، "ބަޑީ" މަރުވެފައިވަނީ، އެތީގެ ކިބައިން ކޮވިޑް-19 ގެ އަލާމަތްކަމަށް ބެލެވޭ، ނޭވާ ލާން އުނދަގޫވުމާއި އަދި ނޭފަތުން ތަތް އަރުދަފުސް ފާޅުވާން ފެށިތާ، ދެ މަހާއި ބައިމަސް ފަހުން މިމަހުގެ 11 ވަނަ ދުވަހުއެވެ.

މި އަލާމަތްތައް ފެނުމާއެކު، އެ ކުއްތާ ގެންގުޅޭ އާއިލާއިން އޭތި ކޮވިޑް-19 އަށް ޓެސްޓްކުރުމަށާއި، އަދި ކުއްތާގެ ސިއްހަތު ރަނގަޅަށް ދެނެގަތުމަށް އުނދަގޫތަކާއި ކުރިމަތިވެ، ޓެސްޓްކުރުން ލަސްވިކަމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހުގެ މެދުތެރޭގައި، އެ އާއިލާގެ މެންބަރަކު ވައިރަހަށް ޕޮސިޓިވްވެ ތިން ހަފްތާގައި އެ ބަލީގައި އުޅުނުއިރު، އޭގެ ފަހުން "ބަޑީ" ކިބައިން ނޭވާ ލާން އުނދަގޫވެގެން އުޅޭ އަލާމާތް ފެނުމުން ،"ބަޑީ" ވެސް ވައިރަހަށް ޕޮސިޓިވްވިކަމަށް ޤަބޫލުކުކުރެވުނު ކަމަށެވެ.

ނަމަވެސް، "ބަޑީ" ގޮވައިގެން ވެޓްް ކްލިނިކްސްތަކަށް ދިއުމުން ބައެއް ކްލިނިކްތަކުން އޭތި ކޮވިޑް-19 އަށް ޕޮސިޓިވް ކަމާއި މެދު ޝައްކުއުފެއްދި ކަމަށް އާއިލާއިން ބުނެފައިވެއެވެ. އަދި ކްލިނިކް ތަކުގައި ކޮވިޑަށް ޓެސްޓްކުރެވެން ނެތްކަމަށްވެސް އެ އާއިލާއިން ފާހަކުރިއެވެ.

އެންމެފަހުން "ބަޑީ" ކޮވިޑަށް ޕޮސިޓިވް ވިކަން އެނގުނީ، އަލާމާތްތައް ފެނުނުތާ އެއް މަސްފަހުން މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް މެއި 20 ގައި "ބަޑީ" ވަނ، ބަލިން ރަނގަޅުވެ ވައިރަހަށް ނެގެޓިވް ވެފައެވެ. އަދި އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެގްރިކަލްޗަރ އިން ވަނީ، "ބަޑީ" އަކީ އެންމެފުރަތަމަ ކޮވިޑް-19 އަށް ޕޮސިޓިވްވި ކުއްތާ ކަމަށް ނިއްމާ އެކަން އިއުލާންކޮށްފައެވެ.

"ބަޑީ" ގެ މަރުވެފައިވަނީ، އެ ދުވަހުގެ ހެނދުނު އޭތީގެ އަނގައިން ލޭ އައުމަށްފަހުއެވެ. އަދި އެ ދުވަހު އޭތި ހިނގަން އުނދަގޫވެގެން އުޅުނުކަމަށްވެސް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. އެހެންކަމުން ބަޑީގެ މަރާއެކު ފުރަތަމަ ސުވާލުތަކެއް އުފެދުނު ނަމަވެސް، ފަހުން ހެދި ޓެސްޓް ތަކުން އެނގުނުގޮތުގައި ބަޑީ މަރުވެފައިވަނީ، ދިފާއި ނިޒާމުގެ ސެލްސްތަކަށް ޖެހޭ ކެންސަރެއް ކަމުގައިވާ "ލިމްފޯމާ" ޖެހިގެންނެވެ.

ނޮވެލް ކޮރޯނާ ވައިރަސްއަކީ މީގެ ކުރިން އިންސާނެއްގެ ހަށިގަނޑުން ފެނިފައިނުވާ، ނަމަވެސް ޖަނަވާރުންގެ ކިބައިން ފެނިފައިވާ ވަައިރަސްއެކެވެ. ނަމަވެސް 2019 ވަނަ އަހަރު މި ބަލި އެންމެ ފުރަތަމަ އިންސާނުންގެ ގައިން ފެނުމާއެކު، ބެލެވިފައިވަނީ މިއީ ކޮރޯނާ ވައިރަސް އާއިލާގެ އާ ބާވަތެއްގެ ގޮތުގައެވެ. އަދި ވައިރަހަށް މިހާރު ކިޔަނީ ކޮރޯނާ ވައިރަސް ބަލި 2019 (ކޯވިޑް -19 )އެވެ. އަދި މި ބަލި އިންސާނުންގެ ކިބައިން ފެންނަން ފެށުމާއެކު، ކޮވިޑް-19 ޖަނަވާރުންގެ ކިބައިންވެސް ފެންނަން ފެށިނަމަވެސް، ދުނިޔޭގެ ނިސްބަތުން ޖަނަވާރުންގެ ކިބައިން މި ބަލި ފެންނަލެއް ވަރަށް މަދެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ