އިޓާލިއަން ސެރީއާގައި މިރޭ ރޯމާއާއި ދެކޮޅަށް ކުޅޭ ޔުވެންޓަސްގެ ސްކޮޑުން ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީވުމުން، ލާޒިއޯގެ ފޯވާޑު ޗީރޯ އިމޮބިލޭއަށް ދެ ރަންބޫޓު ޔަޤީންވެއްޖެއެވެ.
އިމޮބިލޭއަށް ޔަޤީންވެފައިވަނީ މިސީޒަންގެ އިޓާލިއަން ސެރިއާގެ ރަންބޫޓާއި، ޔޫރަޕްގެ ބޮޑު ފަސް ލީގުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަން ބޫޓެވެ.
ރޮނާލްޑޯ އަދި އިމޮބިލޭއަށް މިސީޒަންގެ ސެރީއާގައި ބާކީ އެއް މެޗު އޮތްއިރު މިސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި އިމޮބިލޭ އޮތީ 35 ލަނޑާއި 9 އެސިސްޓާއެކުގައެވެ. އަދި ދެވަނާގައި ރޮނާލްޑޯ އޮތީ 31 ލަނޑާއި 5 އެސިސްޓާއެކުގައެވެ.
އިމޮބިލޭއަށް މިސީޒަންގެ އިޓާލިއަން ސެރީޢާގެ ރަންބޫޓު ޔަޤީންވީ، އޭނާއަށްވުރެ ހަތަރު ލަނޑު ފަހަތުގައި އޮތް ރޮނާލްޑޯ ޔުވެންޓަސްގެ އެންމެ ފަހު މެޗުގައި ކުޅޭ ސްކޮޑުގައި ހިމެނިފައި ނެތުމުންނެވެ.
އަދި ޔޫރަޕްގެ ބޮޑު ފަސް ލީގުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިންގެ ލިސްޓްގައި 35 ލަނޑާއެކު އިމޮބިލޭ އޮތްއިރު، މިލިސްޓްގެ ދެވަނާގައި އޮތީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބާޓް ލެވެންޑޯސްކީއެވެ. އޭނާވަނީ މިސީޒަންގެ ބުންޑެސްލީގާގައި 34 ލަނޑު ޖަހާފައެވެ. މިސީޒަންގެ ބުންޑެސްލީގާގެ މެޗުތައް މިހާރުވަނީ ނިމިފައެވެ. އަދި މިލިސްޓުގެ ތިންވަނާގައި އޮތީ ރޮނާލްޑޯއެވެ. އެއީ މިސީޒަންގެ އިޓާލިއަން ސެރިއާގައި އޭނާ ކާމިޔާބުކުރި 31 ލަނޑާއެކުގައެވެ.
ޔޫރަޕްގެ ބޮޑު ފަސް ލީގުގެ އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާގެ ގޮތުގައި ވޭތުވެދިޔަ 3 ސީޒަންގައިވެސް ހޮވިފައިވަނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީއެވެ.
މީގެއިތުރުން މިރޭ ނަޕޯލީއާއި ދެކޮޅަށް ލާޒިއޯ ކުޅޭ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށް އިޓާލިއަން ސެރީއާގައި ލަނޑު ޖެހުމުގެ ރެކޯޑެއް ހެދުމުގެ ފުރުޞަތު އިމޮބިލޭއަށް އެބައޮތެވެ. އިޓާލިއަން ސެރީއާގެ އެއްސީޒަނެއްގައި މިހާތަނަށް އެންމެ ގިނައިން ޖަހާފައިވަނީ 36 ލަނޑެވެ. އެހެންކަމުން މިރޭގެ މެޗުގައި ދެލަނޑު ޖަހައި 2016 ވަނަ އަހަރު ހިގުއައިން ހަދާފައިވާ ރެކޯޑު މުގުރާލުމުގެ ދޮރު އިމޮބިލޭއަށްވަނީ ހުޅުވިފައެވެ.
މިރޭގެ މެޗުގައި ރޮނާލްޑޯއަށް އަރާމުކުރުމުގެ ފުރުޞަތު ދިނީ ޗެމްޕިއަންސް ލީގުގެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ޔުވެންޓަސްގެ ކޯޗު ސާރީވަނީ ބުނެފައެވެ.




