ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ، ފުޓްބޯލް އެސޯސިއޭޝަން ޗެލެންޖް ކަޕު (އެފްއޭ ކަޕް)ގެ ޗެމްޕިއަންކަން އާސެނަލް އިން ހޯދައިފިއެވެ.
ފައިނަލް މެޗު އާސެނަލްއިން ކާމިޔާބުކޮށްފައިވަނީ ޗެލްސީ އާއި ދެކޮޅަށް ކުޅެ 2-1 ގެ ނަތީޖާއަކުންނެވެ.
ފައިނަލު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދައިފައިވަނީ ޗެލްސީއިންނެވެ. ޗެލްސީއިން މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަސް ވަނަ މިނެއްޓުގެ ތެރޭގައެވެ. ޗެލްސީ އަށް މިލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕަލަސިކް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލް އިންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 28 ވަނަ މިނެއްޓުގައި ކާމިޔާބު ކޮށްދީފައިވަނީ އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންގެވެ.
ދެޓީމު އެއްވަރުވެގެން ފުރަތަމަ ހާފް ނިމުނު ނަމަވެސް އާސެނަލްއިންވަނީ ފަހަތުން އަރައި ދެވަނަ ހާފުގައި ލީޑު ފުޅާކޮށް އެފްއޭ ކަޕްގެ ތަށި އުފުލާލައިފައެވެ. މި ލަނޑުވެސް އާސެނަލް އަށް ކާމިޔާބު ކޮށްދީފައިވަނީ އޮބާމަޔަން އެވެ. މި ލަނޑު އޮބާމަޔަން ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 67 ވަނަ މިނެއްޓުގެ ތެރޭގައެވެ.
FOURTEEN. TIMES. ?#HeadsUpFACupFinal | @EmiratesFACup
— ? Arsenal (@Arsenal) August 1, 2020
އާސެނަލް އަކީ އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. މިގޮތުން އާސެނަލްއިން އެފްއޭކަޕްގެ ފައިނަލުގެ ތަށި އުފުލައިލި މިއީ 14 ވަނަ ފަހަރެވެ.
މިއީ އާސެނަލްއިން އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ ބަލިކުރި ދެވަނަ ފަހަރެވެ. 2017 ވަނަ އަހަރު އާސެން ވެންގާގެ ކޯޗުކަމުގައި ކުޅުނު އާސެނަލުން އެ ދުވަހު 2-1 އިން ބަލިކުރީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅުނު ޗެލްސީ އެވެ.




