ޑެމްބެލޭ އަދި ގްރިޒްމަންވެސް ބާސާއެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ލިބުނު އަނިޔާއަކާއި ގުޅިގެން މިދިޔަ ޖެނުއަރީން ފެށިގެން ޑެމްބެލޭ ބާސެލޯނާގެ ފުރަތަމަ 11 ގައި ހިމެނިފައިނުވާއިރު، ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ގްރިޒްމަން ބާސެލޯނާއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ހިމެނިފައެއް ނުވެއެވެ.
އެހެންނަމަވެސް ބާސެލޯނާގެ އެންމެ ފަހުގެ ފަރިތަކުރުމުގައި މިދެކުޅުންތެރިން ފުލްކޮށް ބައިވެރިވެފައިވެއެވެ.
ބާސެލޯނާއިން މިހާރު ތައްޔާރުވަމުންދަނީ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ މެޗަށެވެ. އިޓަލީގެ ނަޕޯލީއާއި ދެކޮޅަށް ކޭމްޕްނޯގައި ކުޅޭ އެމެޗު އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުގެ ރެޔެވެ.
އިޓަލީގެ ސަންޕައޮލޯގައި ކުޅުނު މިމެޗުގެ ފުރަތަމަ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. 30 ވަނަ މިނަޓްގައި މާޓެންސް ކާމިޔާބުކޮށްދިން ލަނޑަކާއެކު ނަޕޯލީއިން ލީޑު ނެގިނަމަވެސް، 57 ވަނަ މިނަޓްގައި ގްރިޒްމަންވަނީ ލަނޑެއްޖަހައި ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ގްރިޒްމަންގެ މިލަނޑާއެކު ބާސެލޯނާއަށް އަވޭ ގޯލް އެޑްވާންޓޭޖް ލިބިފައިވާއިރު، ކޭމްޕްނޯގައި ކުޅޭ މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރު ވިޔަސް ބާސެލޯނާ މުބާރާތުގެ ކުއާޓާރއަށް ދަތުރުކުރާނެއެވެ. އަދި ބާސެލޯނާ ކުއާޓާރއަށް ދަތުރުކޮށްފިނަމަ ބައްދަލުކުރަން ޖެހޭނީ ގަދަ 16 ގައި ބަޔާން އަދި ޗެލްސީ ބައްދަލުކުރާ މެޗުން މޮޅުވާ ކްލަބަކާއެވެ.
ކުއާޓާރއާއި ހިސާބުން މިސީޒަންގެ ޗެމްޕިއަންސް ލީގު މިނީ ޓާނަމެންޓަށް ބަދަލުކުރާގޮތަށް ނިންމާފައިވާއިރު، ކުއާރޓާރ ފައިނަލް، ސެމީ ފައިނަލް އަދި މުބާރާތުގެ ފައިނަލް ކުރިއަށް ދާނީ އޮގަސްޓް 12 އިން އޮގަސްޓް 23 އަށެވެ. ކުއާރޓާ ފައިނަލާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލްވެސް ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައެވެ.
މިހާތަނަށް މުބާރާތުގެ ކުއާރޓާ ފައިނަލް ކަށަވަރުކޮށްފައިވާ ޓީމުތަކަކީ ފްރާންސްގެ ޕީއެސްޖީއާއި، އިޓަލީގެ އެޓަލަންޓާއާއި އަދި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ޖަރުމަނީގެ ލެއިޕްޒިގެވެ.



