ޕީއެސްޖީގެ ތަރި ނޭމާ އާއި އިންޓަރމިލާންއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑު ލަޓާރޯ މާޓިނޭޒްވެސް ކުރިއަށް އޮތް ޓްރާންސްފާގައި ނުގެނެވޭނެކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު އެއްބަސް ވެއްޖެއެވެ.
ކުޅިވަރު ނޫހަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ބާޓޮމެއު ބުނީ، ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދަށް ކޮށްފައިވާ އަސަރާއި ގުޅިގެން ނޭމާ އަދި މާޓިނޭޒްފަދަ އަގު ބޮޑެތި ކުޅުންތެރިން ކްލަބަށް މިވަގުތު ގެނެވެން ނެތްކަމަށެވެ. އަދި މިހާލަތު އިތުރަށް ބަދަލު ނުވާނަމަ ދަނޑުތަކާއި މިއުޒިއަމްތައް މިހާރެކޭ އެއްގޮތަށް ހުސްކޮށްއޮވެ، ކްލަބަށް ފައިސާ ވަންނާނެ ގޮތެއް ނޯންނާނެކަމަށްވެސް ބާޓޮމެއު ބުންޏެވެ.
ބާޓޮމެއު ބުނީ، މިއަހަރުގެ މާރޗް މަހުން ޖޫން މަހާއި ދޭތެރޭ ބާސެލޯނާއަށް 200 މިލިއަން ޔޫރޯގެ ގެއްލުން ވެފައިވާކަމަށެވެ.
އަދި ކޮވިޑް-19 އަސަރު ޔޫރަޕުގެ ހުރިހާ ކްލަބަކަށްވެސް ކުރާނެކަމަށާއި، މިގޮތުގައި ތިނެއް ނުވަތަ ހަތަރެއް އަހަރު ދެމިގެން ގޮސްދާނެކަމަށްވެސް ބާޓޮމެއު ބުންޏެވެ. އަދި ހުރިހާ ކްލަބަކުންވެސް މިހާލަތަށް ހޭނެމުން އަންނައިރު، މުސްތަޤުބަލުގައި ކްލަބުތަކުން ކުޅުންތެރިން ގަތުމުގެ ބަދަލުގައި ކުޅުންތެރިން ބަދަލުކުރުން ގާތްކަމަށްވެސް އޭނާ ބުންޏެވެ.
ބާޓޮމެއު ބުނީ، މާޓިނޭޒްއާއި ގުޅިގެން މިދިޔަ ހަފްތާތަކުގައި އިންޓަރއާއެކު ވާހަކަތައް ދެކެވުނުކަމަށާއި، އަދި ދެކްލަބު އެއްބަސްވެގެން އެވާހަކަތައް އިހަށް މަޑު ޖައްސާލާފައިވާކަމަށެވެ. އަދި މިހާލަތުގައި ޕީއެސްޖީ ނޭމާ ނުވިއްކާނެކަން އެނގޭކަމަށާއި، މިދިޔަ ހޫނު މޫސުމުގައި އޭނާ ގެންނަން ވަރަށް މަސައްކަތްކުރިނަމަވެސް، މި ފަހަރުގެ ޓްރާންސްފާގައި އެކަމާ ނޫޅޭނެކަމަށްވެސް ބާޓޮމެއު ބުންޏެވެ.




