ލ.ގަމު ތުނޑި، ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލާގައި ދެމީހަކަށް ޓެރަރިޒަމްގެ ދައުވާކޮށްފިއެވެ.
މިމައްސަލާގައި ޓެރަރިޒަމްގެ ދަޢުވާކޮށްފައިވަނީ ލ. ގަން، ތުނޑި ކަޅައިދޫފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށާއި، ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށެވެ.
ޕީޖީއިން ވިދާޅުވީ، މޫސާ އިނާސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. އަދި ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދު ކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.
މޫސާ އިނާސްގެ އިތުރުން ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް މިދަޢުވާކޮށްފައިވާއިރު، މިދަޢުވާވަނީ ޕީޖީއިންވަނީ 29 ޖުލައި 2020 ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އަދި މޫސާ އިނާސްގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ އާދިއްތަ ދުވަހުއެވެ.

އަދި ހަމަ މިމައްސަލައިގެ ހެކި ނައްތާލާފައިވާތީ ލ.ގަން، ތުނޑި، ލަވްސައިޑް، ޢަބްދުއްލަޠީފް އިބްރާހީމްގެ މައްޗަށް ލ.ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއަށް ޢަބްދުއްލަޠީފް އިބްރާހީމް އިޢުތިރާފްވެފައިވާތީ، ޢަބްދުއްލަޠީފް އިބްރާހީމް 1 އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް 6 ޖުލައި 2020 ދުވަހު އެ ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މާރޗް މަހުގެ 22 ވަނަ ދުވަހު ލ.ގަމު ތުނޑި ބަނދަރުގައި އަޅާފައިއޮތް އެރަށު ފުލުހުންގެ "ލޯންޗު 34" ގައި ރޯކޮށްލާފައިވަނީ އެރޭ ދަންވަރު 03:45 ހާއިރުއެވެ. އަދި އެއީ ބަޔަކު ގަސްތުގައި ކުރިކަމެއްކަމަށް ފުލުހުން ވިދާޅުވީ، އެރޭ އެސަރަހައްދަށް އެމްއެންޑީއެފް ގޮސް ބެލިއިރު ލޯންޗްގެ ވާ ކަނޑާލާފައިވާތީއެވެ. އެހާދިސާގައި އެލޯންޗް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު، އެ އަލިފާނގަޑު ނިންވާލެވުނީ ފަތިހު 5 ޖަހާ އެހާކަންހާއިރުއެވެ.




