ވިޔަފާރި ބަނދަރު

ޑިއުޓީ ފްރީ މުދަލުން ބޮޑު ފީއެއް ނަގަނީ، މުދަލުގެ އަގު އުފުލޭނެ!

ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލުން ނަގަމުން އައި ރެވެނިއު ފީ 90 އިންސައްތަ ބޮޑުކޮށް، އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި 17 ވަނަ އިސްލާހާއެކު މުދަލުގެ އަގު އުފުލޭނެކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

މިމަހުގެ 1 ވަނަ ދުވަހު އަމަލުކުރަންފެށި އިސްލާހުގައި ބުނެފައިވަނީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނުގެ ދަށުން އެކްސްޕޯޓް ލައިސަންސާއި އިމްޕޯޓް ލައިސަންސަށް، ލައިސަންސް ދޫކުރެވޭ ޢަދަދުގެ ކޮންމެ 100ރ އަކަށް 10 ލާރީގެ މަގުން ޖަހަމުންއައި ރެވެނިއު ސްޓޭމްޕް ޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ނަމަވެސް، ރާއްޖެއަށް އިމްޕޯޓްކުރާ، އެކްސްޕޯޓްކުރާ ނުވަތަ ރީއެކްސްޕޯޓްކުރާ މުދަލަށް، ކަސްޓަމްސްއިން ކަނޑައަޅާ އަގުގު ކޮންމެ 100ރ އަކުން 1ރ ގެ މަގުން ރެވެނިއު ފީއެއް ސަރުކާރަށް ދައްކަންޖެހޭނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސްރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، މި ބަދަލުގެ ބޭނުމަކީ ވިޔަފާރިކުރާ ފަރާތްތަކަށް ކަންކަން ފަސޭހަކޮސްދިނުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މީގެ ކުރިން ރެވެނިއު ސްޓޭމްޕް ޖަހާ ނިޒާމެއް މިއޮންނަނީ ޤާނޫނުގައި ބަޔާންކުރެވިފައި. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި މީގެ ކުރިން ކޮންމެ 100ރ އަކުން 10 ލާރި، ކުރިއަށް އޮތްތަނުގައި ކޮންމެ 100ރ އަކުން 1ރ ގެ ރެވެނިއު ފީއެއް ދައްކާގޮތަށް މިއޮތީ. ރެވެނިއު ސްޓޭމްޕަކާ ރެވެނިއު ފީއަކާ ހުރި ތަފާތަކީ ފިޒިކަލް އިންޓަރެކްޝަނެއް އެބައާދޭ ސްޓޭމްޕް ޖަހާކަމަށް ވެއްޖިއްޔާ. ރާއްޖޭގައި އަދި މިއޮތީ އީސްޓޭމްޕިންގ ނިޒާމެއް ނޫން. އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ މިގޮތަށްހުރި ކަންކަން ނައްތާލަފައި ވީހާވެސް ބޮޑަކަށް ސީމްލެސްކޮށް ފަސޭހައިން މިކަންކަން ކުރެވޭނެ ނިޒާމަކަށް ދިއުން." ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވިއެވެ.

ކޮމްޕެނީސް ރެޖިސްޓަރ މިހެން ވިދާޅުވި ނަމަވެސް، މީގެ ކުރިންވެސް އިމްޕޯޓްކުރާ ވިޔަފާރިތަކަށް ސްޓޭމްޕް ނުޖަހައި، އޮންލައިން ޕޯޓަލް މެދުވެރިކޮށް ރެވެނިއު ފީ (100ރ އަކުން 10 ލާރި) ދައްކައިގެން ލުއި ފަސޭހަކޮށް މިކަން ކުރެވެއެވެ.

ވިޔަފާރިވެރިންނަށް ފަސޭހަކޮށްދޭން ކަމަށްބުނެ، ސަރުކާރުން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި ބަދަލާ އެކު ރެވެނިއު ފީ 90 ޕަސެންޓް ބޮޑުވުމުން، ރާއްޖެ އެތެރެކުރާ މުދަލުގެ އަގު އިތުރަށް އުފުލިގެންދާނެތީ އިމްޕޯޓް އެކްސްޕޯޓް ދާއިރާގެ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިމްޕޯޓްކުރަ ވިޔަފާރިތަކަށް ޑޮލަރު ލިބުން ވަރަށް ބޮޑަށް ތާށިވެފައި ވަނިކޮށް، މިފަދަ ބޮޑު ފީއެއް ޑިއުޓީ ފްރީ މުދަލުން ނަގަން ފެށުމުން ތަކެތީގެ އަގު އުފުލޭނެކަމަށް ބޮޑެތި ގިުނަ ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ރައްޔިތުންނަށް ހެޔޮ އަގުގައި ލިބެންޖެހޭކަމަށް ބަލައި ޑިއުޓީ ކަނޑާލާފައިވާ ބާވަތްތަކުން މީގެ ކުރިން100000ރ އަކަށް100ރ ގެ މަގުން ނަގަމުން އައި ރެވެނިއު ފީ، ކޮންމެ100000ރ އަކަށް1000ރ އަށް ބޮޑުކުރުމުން ހަމަ ޤައިމުވެސް ވިޔަފާރިތަކަށް ލުއި ފަސޭހައެއް ވުމަށްވުރެ ރައްޔިތުން އަތުން އެ އަސާސީ މުދަލަށް ޚަރަދުވާ މިންވަރު ބޮޑުވާނޭކަމީ ހަޤީޤަތެވެ. އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި ބަދަލަކީ އެންމެ ނިކަމެތި ރައްޔިތުންނަށް އުފުލަންޖެހުނު ބޮޑު ބުރަޔަކަށް މިވަނީ ވެފައެވެ.

މިލިޔުން ކިޔާލުމުން
117
ގުޅުންހުރި ލިޔުންތައް

2 Responses

  1. ޏާމީ

    ޑިއުޓީ ފުރީވީތިޔާ

    2
    2
  2. ހަނަ

    ތާހިރުވެއްޖެއެންނު.

    9
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ