ކޮވިޑް-19އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 1769 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އާންމު ކޮށްފައިވާ ޖުލައިމަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ދުނިޔޭގެ އެކިއެކި ޤައުމުތަކުން ވަނީ ރާއްޖެއަށް 1769 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.
މި ތަފާސް ހިސާބުތައް ދައްކާގޮތުން މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ އިނގިރޭސި ވިލާތުންނެވެ. އެގޮތުން އިނގިރޭސިވިލާތުން ވަނީ 258 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާއިން 189 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.
މި ދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކޮށްފައި ވަނީ ޖުލައި 30 ވަނަ ދުވަހުއެވެ،. އެދުވަހު ވަނީ 218 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ މާރިޗު27 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ޓުވަރިޒަމް ދާއިރާ ވަނީ އެއްކޮށް ހުއްޓިފައެވެ. ޓުވަރިޒަމް އަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ދާއިރާއެވެ. އެހެން ކަމުން ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު ވަނީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކޮށްފައެވެ. އަދި އެތައް ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފައެވެ.
ބޯޑަރު ބަންދުކޮށްފައި ގިނަ ދުވަސް ތަކެއް އޮތުމަށްފަހު ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ބައެއް ރިސޯޓްތައް ވަނީ ހިންގަން ފަށާފައެވެ.




