ސްޕެއިންގެ ކުރީގެ ކީޕަރު އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިކާ ކަސިޔަސް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
ކަސިޔަސް މިކަން ހާމަކޮށްފައިވަނީ މީސްމީޑިއާ މެދުވެރިކޮށެވެ. ކަސިޔަސް ބުނީ، މުހިންމީ ދެވޭ މަންޒިލް ނޫންކަމަށާއި، ނަމަވެސް މުހިންމީ އެމަންޒިލަށް ދިއުމަށް އިޙްތިޔާރުކުރާ މަގާއި އެމަންޒިލަށް ވާސިލުވުމަށް އެކުގައި މަސައްކަތްކުރާ މީހުންކަމަށެވެ. އަދި އެންމެން ގުޅިގެން ކުރެވޭ މަސައްކަތާއެކު ކޮންމެ ކަމެއްވެސް ޙާޞިލްވާނެކަމަށް ކަސިޔަސް ބުންޏެވެ.
މީގެއިތުރުން ކަސިޔަސް ބުނީ، ކެރިއަރުގައި އޭނާއަށް ޙާޞިލްކުރެވިފައިވާ ކާމިޔާބީތަކާއެކު އުފާކަމަށާއި، އެއީ އޭނާ އަބަދުވެސް ދެކެމުންއައި ހުވަފެންތަކެއްކަމަށެވެ.
ޕޯޓޯގެ ފަރިތަކުރުންތަކުގެ ތެރެއިން ކަސިޔަސް އަށް ހާޓްއެޓޭކެއް ޖެހިގެން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާދީފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުއެވެ. އޭގެފަހުން ކަސިޔަސް ކުޅެފައެއް ނުވެއެވެ. އޭރު ކަސިޔަސް ކުޅުން ހުއްޓާލާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރިނަމަވެސް ފަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ބާއްވައި ފަރުވާދިނުމަށް ދޫކޮށްލި ކަސިޔަސް ބުނީ ގޮތެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައި ކަމަށެވެ.
އޭގެ ފަހުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ވާދަކުރަން ކަސިޔަސް ނިންމިނަމަވެސް، ފަހުން ކަސިޔަސްވަނީ އެނިންމުން ބަދަލުކޮށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ވާދަނުކުރަން ނިންމާފައެވެ. އެއީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ރެއަލްމެޑްރިޑު ޔޫތު ޓީމުން ކެރިއަރު ފެށި ކަސިޔަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހޭދަކޮށްފައިވާ ރެއަލްމެޑްރިޑުގެ ބޮޑު ޓީމުގައެވެ. ސްޕެއިން އާއެކު ކަސިޔަސްވަނީ އެއް ވޯލްޑްކަޕާއި ދެ ޔޫރޯ ކާމިޔާބުކޮށްފައެވެ.




