މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ

އުތެމަ އާއި އެމްޑީއެން އަށް ރައްޔިތުން ނުކުމެ ފިޔަވަޅު އަޅަން ނުވޭބާ؟

އުތެމަ އާއި އެމްޑީއެންއަށް ރައްޔިތުން ނުކުމެ ފިޔަވަޅު އަޅަން ނުވޭތޯ ނޮޅިވަރަން ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ސުވާލު ކުރައްވައިފިއެވެ،

މޮސްޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާތަނަށްވެސް އުތެމަ އާއި އެމްޑީއެން ގެ އިސްމީހުން މިނިވަންކަމާއެކު ތިބީ މަތީ މަޤާމްތަކުގައިކަމަށާއި، އެމީހުންނަށް އެޅުނު ފިޔަވަޅެއްނެތް ކަމަށެވެ. އަދި ރައްޔިތުން ނިކުމެ އެމީހުންނަށް ފިޔަވަޅު އަޅަން ނުވޭތޯ މޮސްޓާ ސުވާލު ކުރައްވާފައިވެއެވެ.

މޮސްޓާ ވިދާޅުވެފައި ވަނީ އެމީހުންނަށް ފިޔަވަޅު ނާޅައިފިނަމަ ދީނަށް ފުރައްސާރަކޮށް ދެންނަގާރާޅު މާ ބޮޑު ވާނެ ކަމަށެވެ. އަދި އެ ދުވަހަކުން ކުރާނެ، ކުރެވޭނެ ކަމެއްވެސް ނޯންނާނެ ކަމުގައި މޮސްޓާ ވަނީ ވިދާޅުވެފައެވެ.

މާތްވެގެންވާ އިސްލާމް ދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާ އެ ޖަމިއްޔާއަށާއި އެ ރިޕޯޓް ލިޔުނު ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

މި ރިޕޯޓްގެ މައްސަލާގައި ސަރުކާރުން ވަނީ އެމްޑީއެން އުވާލައިފައެވެ. އެޖަމިއްޔާ އުވާލި ކަން ޔޫތް މިނިސްޓްރީން އިޢުލާނު ކުރި ނަމަވެސް އޭގެ ފަހުންވެސް ވަނީ އެ ޖަމިއްޔާގެ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ފެނިގެން ގޮސްފައެވެ.

އޭގެ ފަހުން އުތެމަ އިން ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓް ދިފާޢުކޮށް އެއަށް ތާޢީދު ކޮށްފައެވެ. އެގޮތުން އުތެމައިން ވަނީ ސްވިޒަލެންޑްގެ ޖެނީވާގައި އޮންނަ ސިންޑޯ ކޮމެޓީގެ 77 ބައްދަލުވުމަށް އެ ރިޕޯޓް ހުށަހަޅައިފައެވެ.

ރާއްޖޭގައި ހަރަކާތްތެރި ވަމުން އަންނަ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި، ގިނަ ދީނީ ޢިލްމުވެރިންގެ އިތުރުން ސިޔާސީ ބޭފުޅުންވެސް އަންނަނީ މިކަމުގައި ހަރަކާތްތެރިވި ފަރާތްތަކާމެދު އަވަހަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ