ވިއްސާރަ ދުވަހެއްގައި ރަށެއްގެ ބަނދަރުމަތި - ފެށުން ފޮޓޯ: ވިސާމް

މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ ހެނދުނު 11:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެކަމަށް ލަފާ ކުރެވޭ ކަމުގައިވެސް މި އެލާޓްގައި ވަނީ ބުނެފައެވެ.

ކުރިއަށްއޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

“ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ރާޅުގެ އުސްމިން ދެކުނުގައި 2 އާއި 4 ފޫޓު އަދި މެދުރާއްޖެތެރެއާއި އުތުރުގައި 3 -6 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ