މައިންބަފައިންނަށް ހެޔޮކޮށްހިތައިމ އިޙްސާންތެރިވެ، އޯގާތެރިވުމަކީ ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މަތިވެރިވެގެންވާ ކަމެއް ކަމެއް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، މައިންބަފައިންނަކީ އޯގާތެރިކަމާއި ކުލުނުގެ ބަގީޗާއެއް ކަމަށާއި، އެދެމީހުންގެ ޙައްޤު ނުހަނު މަތިވެރި ކަމަށެވެ. އަދި އެދެމީހުންގެ ހެޔޮކަމުގެ ބަދަލު ނުދެވޭނެ ކަމަށާއި، ﷲ ތައާލާގެ ޙައްޤު އަދާކުރުމަށްފަހު މައިންބަފައިންގެ ޙައްޤު އަދާކުރުމަކީ ވާޖިބެއް ކަމަށެވެ.
އިބްނު މަސްޢޫދު ވިދާޅުވިއެވެ. ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލާމެދު ނަބިއްޔާ އާ ސުވާލު ދެންނެވީމެވެ. ޙަދީޘް ކުރެއްވިއެވެ. "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ." ވިދާޅުވިއެވެ. އެއަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ." ވިދާޅުވިއެވެ. އެއަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އެއަށްފަހު ﷲ ގެ މަގުގައި ޖިހާދުކުރުމެވެ."
އެހެން ޙަދީޘެއްގައި ވެއެވެ. އެއްދުވަހަކު މީހަކު ނަބިއްޔާ އަރިހުން ޖިހާދަށް ނިކުތުމަށް އިޛުނައަށް އެދިވަޑައިގެންނެވިއެވެ. އެހިނދު އެކަލޭގެފާނު ޙަަދީޘް ކުރެއްވިއެވެ. "ތިބާގެ މައިންބަފައިން ދުނިޔޭގައި އެބަތިބި ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. އާދޭހެވެ. ޙަދީޘް ކުރެއްވިއެވެ. "އެދެމީހުންނަށް ހެޔޮކޮށް ހިތުމުގައި ޖިހާދު ކުރާށެވެ!"
ހުކުރު ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ، މައިންބަފައިންގެ ދަރަޖައާއި، އެމީހުންނަށް އަދަބު އިޙްތިރާމް އަދާކުރަންވީ ގޮތް ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން އެކަކު ނަމަވެސް މްސްކުޅި އުމުރާ ބައްދަލުކުރާހިނދު، ކައިރީގައި ތިބޭ ދަރީން، މައިންބަފައިންނަށް އަޅާލައި، އޯގާތެރިވާން ޖެހޭނެކަމުގައި އަންގަވާފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.
"އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެދެމީހުންނަށް، އަޑުލައި، ނުހަދާށެވެ! އަދި މާތް ބަހަކުން އެދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާތެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީދުވަހު، އެދެމީހުން މިއަޅާ ބަލައި ބޮޑުކުރި ފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!" ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
މައިންބަފައިން ދުނިޔެ ދޫކުރުމަށްފަހުގައިވެސް އެދެމީހުންނަށް ހެޔޮކޮށް ހިތޭނެ މަގު މާތް ﷲ ފަހިކޮށްދެއްވާފައިވާ ކަމަށާއި، އެގޮތުން އެމީހުންނަށްޓަކައި ހެޔޮދުޢާ ކުރުމާއި، އެދެމީހުންގެ މަތިން ޞަދަޤާތް ކުރުމާއި، އެމީހުންގެ ގާތްތިމާގެ މީހުންނާ ގުޅުންބަދަހިކޮށް، ރަޙިމުގެ ގުޅުން ދަމަހައްޓައި، އެމީހުންގެ ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތުމަށް އަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވާފައިވެއެވެ.
ތިބާއަށާއި ތިބާގެ އާއިލާއަށް ރައްކާތެރި، ބާއްޖަވެރި ހުކުރު ދުވަހަށް އެދެމެވެ.




