ރައީސް ޞޯލިޙައީ ރާޖަޕަކްސަ | ފޮޓޯ: ރައީސް އޮފީސް

ރާޖަޕަކްސައަށް ރައީސް އާއި ނައިބު ރައީސް ތަޙްނިޔާ ވިދާޅުވެއްޖެ

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި، އެ ގައުމުގެ ބޮޑު ވަޒީރު އަދި ކުރީގެ ރައީސް މަހިންދަރާޖަ ޕަކްސައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް އާއި ނައިބް ރައީސް ފައިސަލް ނަސީމް ތަޙްނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ޞޯލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ރާޖަ ޕަކްސަ އާއި އެސްއެލްޕީޕީ ހޯދި ކާމިޔާބަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި ކާމިޔާބާއެކު އެގައުމަށް ބޮޑެތި ފާގަތިކަން ލިބޭނެކަން ޔަގީން ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެފައި ވެއެވެ. މިއާއިއެކު ރާއްޖެއާއި ލަންކާއާ ދެމެދު އޮތް ގުޅުންވެސް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރި ހޯއްދެވީ، ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީ، އެސްއެލްޕީޕީ އިންނެވެ.

ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ރާޖަޕަކްސަގެ ލީޑާޝިޕްގައި ލަންކާއަށް އިތުރު ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި ލަންކާ އާއިއެކު އިތުރަށް ގާތް ގުޅުމެއް އުފައްދައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މަހިންދަ ރާޖަޕަކްސަ ވަނީ ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމު ޓެގް ކުރައްވައި، އެ ދެ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރައްވާފަ އެވެ. މަހިންދަ ރާޖަޕަކްސަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ދެގައުމަށް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ފަސްކުރި ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި އިއްޔެ ވޯޓުލާފައި ވަނީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ. ލަންކާގައި އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލާން 16.2 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 71 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވެފައި ވެއެވެ. ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި 83 ޕަސެންޓް މީހުން ވޯޓުލާފައިވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ