ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން އިޓަލީގެ ޔުވެންޓަސްއާއި ސްޕެއިންގެ ރެއަލްމެޑްރިޑް ކަޓައިފިއެވެ.
ގަދަ 16 ގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ލިޔޯންގެ މައްޗަށް ޔުވެންޓަސްއަށް ކުރި ހޯދުނު ނަމަވެސް، އެގްރިގޭޓް 2-2 އަކުން އެއްވަރުވެ ލިޔޯން ކުއާޓާރއަށް ދަތުރުކުރީ އަވޭ ގޯލްގެ އެޑްވާންޓޭޖާއެކުގައެވެ.
މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ލިޔޯންގެ މެމްފިސް ޑިޕޭ ކާމިޔާބުކޮށްދިން ނަމަވެސް ރޮނާލްޑޯވަނީ ދެލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ރޮނާލްޑޯ ޖެހި ފުރަތަމަ 43 ވަނަ މިނަޓްގައި ކާމިޔާބުކޮށްދީފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. އަދި 60 ވަނަ މިނަޓްގައި ރޮނާލްޑޯ ޖަހައިދިން ދެވަނަ ލަނޑަކީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.
މިރޭ ކާމިޔާބުކުރި ދެލަނޑާއެކު ޗެމްޕިއަންސް ލީގު ނޮކްއައުޓް ސްޓޭޖުގައި ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވާ ލަނޑުގެ އަދަދު ވަނީ 67 އަކަށް އަރާފައެވެ. މީގެއިތުރުން އެއް ސީޒަންގައި ޔުވެންޓަސްއަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށްވެސް ރޮނާލްޑޯވަނީ ވެގެން ގޮސްފައެވެ. މިސީޒަންގައި ރޮނާލްޑޯ ޔުވެންޓަސްއަށް 36 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
ރެއަލްމެޑްރިޑް ބަލިކޮށް މެންޗެސްޓާރި ސިޓީ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލަށް

މެންޗެސްޓާރ ސިޓީއިން ދެ ލެގުގައިވެސް ރެއަލްމެޑްރިޑް ބަލިކޮށްފައިވާއިރު، އަމިއްލަ ދަނޑުގައި މިރޭކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ރެއަލްގައި ކުޅެވުނު ފުރަތަމަ ލެގުވެސް ސިޓީ ކާމިޔާބުކުރީ ހަމަ މިނަތީޖާއިންނެވެ. އެއާއެކު ސިޓީ ކުއާޓާރއަށް ދަތުރުކޮށްފައިވަނީ އެގްރިގޭޓް 4-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ސިޓީއިން ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ރެއަލްމެޑްރިޑްގެ ޑިފެންޑަރު ރަފެލް ވެރޭންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ. އެގޮތުން ފުރަތަމަ ލަނޑު ރަހީމް ސްޓާލިން ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ގެބްރިއަލް ޖީސޫސްއެވެ.
ރެއަލްމެޑްރިޑްގެ ހަމައެކަނި ލަނޑު މެޗުގެ 28 ވަނަ މިނަޓްގައި ކާމިޔާބުކޮށްދީފައިވަނީ ބެންޒެމާއެވެ. މިއީ ރޮޑްރިގޯގެ ހުރަހަކުން ބޮލުން ބެންޒެމާ ކާމިޔާބުކޮށްދިން ލަނޑެކެވެ.




