ޔޫސީއެލް - ކުއާޓާރގައި ބާސާއާއި ބަޔާންގެ ކުރިމަތިލުމެއް

ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގައި ބާސެލޯނާއާއި ބަޔާން މިއުނިކް ކުރިމަތި ލާން ޖެހިއްޖެއެވެ.

ބާސެލޯނާ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައިވަނީ ނަޕޯލީ ބަލިކޮށްގެންނެވެ. އަދި ބަޔާން މިއުނިކްވަނީ ޗެލްސީގެ މައްޗަށް ފަޞޭޙަކަމާއެކު ކުރިހޯދައި ކުއާޓާރއިން ޖާގައެއް ކަށަވަރުކޮށްފައެވެ.

ކޭމްޕްނޯގައި ރޭ ކުޅުނު މެޗުން ނަޕޯލީގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

ބަލާ ހިތްވާކަހަލަ ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ފަށައިގެން ނަޕޯލީން ކޮންޓްރޯލް ނެގިއެވެ. އަދި މެޗުގެ ދެވަނަ މިނަޓްގައި ނުރައްކާތެރި ހަމަލާއެއް ނަޕޯލީއިން އުފެއްދިއެވެ. މާޓެންސް ފޮނުވާލި މިހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއާއެވެ. މާގިނައިރުތަކެއް ނުވެ އުޅެނިކޮށް ލިބުނު ކޯނަރަކުން ކްލިމެންޓް ލެންގްލެޓް ބޮލުން ފޮނުވާލި ބޯޅައިން ގޯލެއް ކާމިޔާބުކޮށް ބާސެލޯނާއަށް ލީޑު ނަގައިދިނެވެ. އަދި މިލަނޑާއެކު މެޗުގެ އޮއިވަރުވެސް ބަދަލުވިއެވެ.

މެޗުގެ 23 ވަނަ މިނަޓްގައި ބާސެލޯނާއަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީ މިލަނޑު ޖެހީ ނަޕޯލީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވެއްޓުމުން، އަލުން ތެދުވެ ބޯޅަ ހޯދައިގެން ލިބުނު ހަނި އޭންގަލްއަކުން ދެ ޑިފެންޑަރުން ދޭތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެ ދިހަވަރަކަށް މިނަޓްފަހުން މެސީވަނީ އޭރިއާތެރެއިން ބޯޅަ މެއަށް ކޮންޓްރޯލް ކޮށްލުމަށްފަހު ކީޕަރަށް އޮޅުވާލައި ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ އެލަނޑު ކެންސަލްކޮށްފައިވަނީ ބޯޅަ ކޮންޓްރޯލް ކުރި ވަގުތު މެސީގެ އަތުގައި ބޯޅަ ޖެހުނުކަމަށް ބުނެއެވެ.

މެސީގެ ނުރައްކާތެރި ކުޅުމާއެކު ނަޕޯލީގެ ޑިފެންސަށް މެސީ ހުއްޓުވަން އުނދަގޫވިއެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގައި މެސީވަނީ ބާސެލޯނާއަށް ޕެނަލްޓީއެއް ހޯދައިދީފައެވެ. ނަޕޯލީގެ ޑިފެންޑަރު ކަލިޑޫ ކޫލިބަލީ މެސީއަށް ކުރި ފައުލަކާ ގުޅިގެން ދިން އެ ޕެނަލްޓީ ކާމިޔާބުކޮށް ބާސެލޯނާގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.

ހިތްވަރާއެކު ކުޅެމުންދިޔަ ނަޕޯލީއިން ފުރަތަމަ ނިމުމުގެ ކުރިން ލަނޑެއްޖަހައި އުންމީދުއާކުރިއެވެ. ލިބުނު ޕެނަލްޓީއަކުން ނަޕޯލީގެ މިލަނޑު ކާމިޔާބު ކުރީ ލޮރެންޒޯ އިންސީނިއޭ އެވެ.

މެޗުގެ ދެވަނަ ހާފުގައި އިތުރު ގޯލެއް ފެނިފައިނުވާއިރު، ލީޑުގައި އޮތް ބާސެލޯނާއިން ދެވަނަ ހާފުގައި އެޓޭކްތައް މަދުކޮށް ކުޅެފައިވަނީ ވަރަށް ޑިފެންސިވް ގޭމެކެވެ. އޭގެފައިދާ ނަގައި ނަޕޯލީއިން ބާސެލޯނާއަށް ވަރަށް ނުރައްކާކުރިއެވެ. ނަމަވެސް އިތުރު ލަނޑެއް ނުފެނި މެޗު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ބާސެލޯނާއަށް ކުރި ލިބިގެންނެވެ. މިމެޗުގެ ފުރަތަމަ ލެގު 1-1 ގެ ނަތިޖާއަކށް ނިމިފައިވާއިރު، ބާސެލޯނާ ކުއާޓާރ ފައިނަލަށް ދަތުރުކުރީ އެގްރިގޭޓް 4-2 ގެ ނަތީޖާއަކުންނެވެ.

ފަސޭޙަކަމާއެކު ޗެލްސީ ބަލިކޮށް ބަޔާން ކުއާޓާރ ފައިނަލަށް

ބަޔާން މިއުނިކުން ކުއާޓާރ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައިވަނީ ދެ ލެގުގައިވެސް ފަޞޭޙަކަމާއެކު ޗެލްސީ ބަލިކޮށްގެންނެވެ. ފުރަތަމަ ލެގުގައި ޗެލްސީ ދަނޑުގައި ބަޔާންއިން ޗެލްސީ ބަލިކުރީ 0-3 ގެ ނަތީޖާއަކުންނެވެ. އަދި ރޭ އެލިއަންޒް އެރީނާގައި ކުޅުނު މެޗުން ޗެލްސީގެ މައްޗަށް ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. ބަޔާން ކުއާޓާރއަށް ދަތުރުކުރީ އެގްރިގޭޓް 7-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ބަޔާންއަށް ލަނޑުތައް ޖަހާދީފައިވަނީ ލެވަންޑޯސްކީ އާއި ޕެރިސިޗްގެ އިތުރުން ޓޮލިސޯއެވެ. ރޭގެ މެޗުގައި ލެވެންޑޯސްކީވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައިވެސް ލެވެންޑޯސްކީވަނީ ލަނޑު ޖަހާފައެވެ. އެގޮތުން މިސީޒަންގައި ކުޅުނު 7 މެޗުން 13 ލަނޑު އޭނާ ކާމިޔާބުކޮށްފައިވެއެވެ.

ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޓެމީ އަބްރަހަމްއެވެ.

މިނަތީޖާއާއެކު ކުއާޓާރ ފައިނަލްގައި ބަޔާން މިއުނިކާއި ބާސެލޯނާ ބައްދަލުކުރަން ޖެހޭއިރު، މިމެޗު އޮންނާނީ މހަފުތާގެ ހުކުރު ދުވަހުގެރެއެވެ.

ކުއާޓާރ ފައިނަލާއި ހިސާބުން މިމުބާރާތް މިހާރުވަނީ މިނީ ޓާނަމެންޓަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން ހޯމް-އަވޭ ގެ ބަދަލުގައި ކުޅޭނީ އެންމެ މެޗެކެވެ. ކުއާރޓާ ފައިނަލާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލްވެސް ކުޅޭނީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ