މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ގެއެއްގެ ކޮޓަރިތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިގެން ފަޔާ ޓީމުން އެގެޔަށް ދިޔައިރު، ގޭގައި ދިރިއުޅޭ މީހުން، ފެންޖަހާ އަލިފާންގަނޑު ނިއްވާލާފައި ވާކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ، މ. އަރޯބިއަން ވިލާގެ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއެއްގެ ސީލިން ފަންކާގައި އަލިފާން ރޯވެގެންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު، ކޮޓަރީގައި ހުރި ސޯފާއެއްގައި ރޯވުމުގެ އިތުރުން އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްގެ ފަޔާ ޓީމުގެ އެހީއާއެކު، ކޮޓަރިން ދުންގަނޑު ބޭރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.



