ސާރީ ވަކިކޮށް ޔުވެންޓަސްގެ ކޯޗަކަށް ޕިރްލޯ

ޔުވެންޓަސްގެ ކޯޗުކަމުން މައުރީޒިއޯ ސާރީ ވަކިކޮށް އެ މަގާމަށް އެ ޓީމާއި އިޓަލީގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ހަމަޖައްސައިފިއެވެ.

ސާރީ މަޤާމުން ވަކިކޮށްފައިވަނީ ލިއޮން އަތުން ބަލިވެ ޗެންޕިއަންސް ލީގުން ޔުވެންޓަސް ކަޓައިގެން ދިއުމާއި ގުޅިގެންނެވެ. ސާރީވަނީ ޔުވެންޓަސްއަށް އެކްލަބުން ޖެހިޖެހިގެން ކާމިޔާބުކުރި 9 ވަނަ ސެރީއާ ކާމިޔާބުކޮށްދީފައެވެ. އެހެންނަމަވެސް ސެރިއާގައި އެންމެފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ޔުވެންޓަސް ތިން މެޗުން ޔުވެންޓަސްވަނީ ބަލިވެފައެވެ.

ސާރީގެ ބަދަލުގައި ޔުވެންޓަސްއިން ކޯޗަކަށް ގެނައި ޕިރްލޯއަކީ ކޯޗިންގެ އެއްވެސް ތަޖުރިބާއެއް ނެތް ކޯޗެކެވެ. ޕިރްލޯއަށް ޔުވެންޓަސްގެ ފުރަތަމަ ޓީމުގެ ކޯޗުކަން ލިބިފައިމިވަނީ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ހަވާލުކުރިތާ 10 ވަރަކަށް ދުވަސް ފަހުންނެވެ.

އިންޓަ މިލާނުން ފާހަގަވި ޕިރްލޯ އެންމެ މޮޅަށް ކުޅުނީ 2001-2011 އަށް އޭސީ މިލާނުގައެވެ. އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރިއެވެ. ފަހުން ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު ހަތަރު ފަހަރު އިޓާލިއަން ލީގު ކާމިޔާބުކުރިއެވެ. ޕިރްލޯ ރިޓަޔާރކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި އިޓަލީއަށް 116 މެޗު ކުޅެދީފައިވާ ޕިރްލޯވަނީ އިޓަލީއާއެކު 2006 ގެ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ