ކޮވިޑް-19: ބްރެޒިލުން 1 ލައްކަ މީހުން މަރުވެއްޖެ

ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުގައި، ކޮވިޑް-10 ޖެހިގެން ބްރެޒިލުން މަރުވި މީހުންގެ އަދަދު އެއް ލައްކައަށް އަރައި، މި ބަލި ޖެހުނު މީހުންގެ އަދަދު 3 މިލިއަނަށްވުރެ ގިނަވެއްޖެއެވެ.

ދުނިޔޭގެ ކޮވިޑް-19 ގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި، ކޮވިޑް-19 ޖެހިގެން ބްރެޒިލުން މިހާތަނަށް 100,543 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި އެ ގައުމުން މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 3,013,369 އަށް ވަނި އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ، 2,094,293 މީހެކެވެ. އަދި 8,318 މީހަކަށް އެޤައުމުގައި މި ބައްޔަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

އެމެރިކާއަށްފަހު، ދުނިޔެއިން ކޮވިޑަށް އެންމެ ގިނަ މީހުން ފައްސިވި ގައުމުތަކުގެ ތެރެއިން ދެވަނައަށް ބްރެޒިލް މިހާރު ވަނީ އަރާފައެވެ. އަދި ބްރެޒިލް އަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

ބްރެޒިލްގައި ކޮވިޑްގެ ބަލިމަޑުކަން ހިފެހެއްޓުމެއްނެތް މިންވަރަށް އިތުރުވެގެންދިޔައީ، އެ ގައުމުގެ ސަރުކާރުން މި ބަލި ފެނުމާއެކުވެސް މި ކަމަށް އެހާ ބޮޑު އަހައްމިއްޔަތުކަމެއް ނުދިނުމުގެ ސަބަބުންނެވެ. އެގޮތުން ބްރެޒިލްގެ ރައީސް ޖެއީރު ބޮލްސޮނާރޯ ވަނީ މިކަމަށް މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދީ، ހެލްތް މިނިސްޓްރީއިން ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ބާރުއެޅުމުންވެސް އެކަމާއި ދެކޮޅު ހަދުން ފަދަ އަމަލުތައް ކޮށްފައެވެ.

ބޮލްސޮނާރޯ ވަނީި،  ދުނިޔެއިން ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކަށް ޖޯކު ޖަހާ، މާސްކް ނާޅާ މަގުމަތީ އުޅުމާއި، މީހުން މަސައްކަތުގެ މާހައުލަށް ނެރުމަށްވެސް ބާރުއަޅާފައެވެ.

މިދިޔަ ޖުލައި މަހު ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ވެސް ވަނީ މި ބައްޔަށް ޕޮސިޓިވްވެފައެވެ.
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ