އަނދިރި ފަރާތް (02)

(ފުރަތަމަ އަދަދާއި ގުޅޭ)

"އައްދިއްޔޯތް!" ރަނގަޅަށް ނުބަލާ ހިނގަމުން ދަނިކޮށް ބިންމަތީގައި އޮތް ގައުގަނޑަކަށް ފައިން އެރިފައި މީރާގެ ފައި ފުރޮޅާލިއެވެ. އެވަގުތު ކުރީގައި ތިބި ދެ ފިރިހެނުންވެސް ކުއްލިއަކަށް ފަހަތަށް އެނބުރި ބަލާލިއެވެ.

އެންމެންގެ ކަޅިތައް ކުއްލިއަކަށް މީރާއަށް ހުއްޓުމުން އޭނާ ލަދުގަންނަގޮތްވިއެވެ. އެހެންކަމުން މާ ބޮޑު ކަމެއް ނުވެޔޭ ބުނުމަށްފަހު ހަމަޖެހޭ ގޮތް ދައްކާލިއެވެ. އަދި ފަޔަށް އެރި ތޫނު ތަދަށް ކެތްކުރަމުން ހިނިތުންވެލިއެވެ. ގެއަށް ދެވެންދެން ދެން އޭނާއަށް ހިނގުނީ ކުޑަކޮށް ކޮރު ޖަހަމުންނެވެ.

"ކޮންތާކު އަހަރެމެން ތިބެންވީ؟" ގެއަށް ދެވުމުން އެންމެ ފަހުން ވާހަކަ ދައްކަން މަޖުބޫރުވެގެން އަނަސް ސުވާލުކޮށްލިއެވެ.

"ތިރީގަ ހުރި ތިން ކޮޓަރިން ކޮންމެ ކޮޓަރިއެއްގަ ތިއްބަސް ހެޔޮ." ޖަވާބު ދޭންޖެހޭތީ އުނައިސްވެސް ބުންޏެވެ.

"މަތީގަވެސް އެބަހުއްޓެއްނު ދެ ކޮޓަރި؟" މައްޗަށް ނަޒަރު ހިންގާލަމުން އަނަސް އަނެއްކާވެސް ސުވާލެއް އަމާޒުކޮށްލިއެވެ.

"އެއްވެސް މީހަކު މައްޗަށް އަރާނެކަމެއް ނެތް! މަތީގަ އުޅެނީ އަހަރެން. އަނެއް ކޮޓަރި އެހެރީ ސްޓޯރ ރޫމަކަށް ހަދާފަ." ކުއްލިއަކަށް އުނައިސްގެ މޫނުމަތިން ނުރުހުންވުން ފާޅުވެގެން ދިޔައެވެ. އަދި އިތުރަށް އެތާ މަޑު ނުކޮށް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ.

ކޮއްކޮގެ ރާގު ހުރިގޮތުން އަނަސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް އިތުރަށް މައްސަލަ ގޯސްކުރަން ބޭނުން ނުވާތީ އިތުރު އެއްޗެއް ނުބުނެ ސިޓިންގ ރޫމްގައި ބަހައްޓާފައި ހުރި އޭނާއާއި ޒާރާގެ ފޮށި ހިފައިގެން ތިރީގައި ހުރި ކޮޓަރިތަކާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު ޒާރާއާއި މީރާވެސް އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއެވެ.

"ހާދަ ރޫޑްއޭ ދޯ." އަނަސް ގޮސް ކޮޓަރިއަކަށް ވަނުމުން މީރާ ބުނެލިއެވެ. އަނަސްގެ މޫޑު ޚަރާބުވެފައި ހުރިކަން އެނގޭތީ ޒާރާ އަވަސް އަވަހަށް ގޮސް އަނަސް ވަތް ކޮޓަރިއަށް ވަނެވެ. އެންމެން ދިއުމުން މީރާވެސް އޭނާގެ ދަބަސް ހިފައިގެން ޒާރާމެން ވަތް ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ.

އެއްޗެހިތައް ހަމައަކަށް އަޅުވާލުމަށްފަހު ފެންވަރައިގެން ނުކުމެ ނިދަން އުޅެއުޅެވެސް މީރާއަށް ނިދޭގޮތެއް ނުވިއެވެ. އެހެންކަމުން ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ގޭތެރެ އޮތީ އެއްކޮށް ހަމަހިމޭންވެފައެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެހެންކަމުން މަޑުމަޑުން ގޭ ދޮރުން ނުކުމެ ގޯތި ތެރޭގައި ހިޔާކޮށްފައި ހުރި ތަންކޮޅެއްގައި ހުރި ބޮޑު އުނދޯލީގައި އޭނާ އިށީނދެލިއެވެ.

އެގެއަކީ ވަރަށް ބޮޑު ގެޔެކެވެ. ގޯތި ތެރޭގައި އޮތް ހުސް ޖާގައިގެ އެކި ހިސާބުގައި ތަފާތު ވައްތަރުގެ ގަސްތައް ހައްދާފައި ހުއްޓެވެ. ރީތި މާ އަޅާ ގަސްތަކާއި، ކުންނާރު، ބަނބުކެޔޮ އަދި އަނބު ފަދަ ބޮޑެތި ގަސްތައްވެސް ހުއްޓެވެ. ގަސްތަކަށް ބަލާލުމުން އެއީ ވަރަށް ރަނގަޅަށް ބަލަހައްޓަމުން ގެންދާ ގަސްތަކެއްކަން އެނގޭހާވެއެވެ. ހަވީރުގެ ހިތްގައިމު ވަގުތުކަމުން ކޮންމެވެސް ވަރަކަށް ފިނި ވައިރޯޅިވެސް ދިޔައީ ގައިގާ ބީހެމުންނެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން މީރާގެ ހިތަށް އުފާވެރިކަން އިޙުސާސްކުރެވުނެވެ. ގޭގެ އެތެރެ ހުރީ ދެބުރިއަށް ނަގާފައެވެ. ތިރީބައިގައި ތިން ކޮޓަރިއާއި މަތީބައިގައި ދެ ކޮޓަރިއެވެ. ބަދިގެއާއި ކާ ބައި އެއްކޮށްލާފައި ހުންނަނީ ތިރީގައެވެ. ސިޓިންގ ރޫމްވެސް އެހާ ތަނަވަހެވެ. އެފަދަ މާޙައުލެއްގައި މުޅި އުމުރަށްވެސް އުޅެލަން ލިބޭނެނަމައޭ މީރާގެ ހިތަށް އެރިއެވެ.

މާޙައުލުން އުފާ ލިބިގަންނަމުން ދަނިކޮށް މީހެއްގެ ހިލަން ވީހެން ހީވެގެން މީރާ ބަލާލިއެވެ. އޭރު އުނައިސް ގޭތެރެއިން ނުކުންނަނީއެވެ. އޭނާ ހުރީ ކޮނޑުކެނޑިއަކާއި ކަކުލުން ތިރިއަށް އަންނަވަރުގެ ސޯޓެއް ލާފައެވެ. އަރައިގެން ހުރީ ކުޅިވަރު ކުޅޭ ކަހަލަ ބޫޓަކަށެވެ. ބޮލުގެ ފަން އިސްތަށިތައް ހުރީ ފުނާ ނާޅާ ވަކި ތަރުތީބެއް ނެތްފަދަ ގޮތަކަށެވެ. އެގޮތަށް އުނައިސް ފެނުމުންވެސް މީރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކުރިން އަވި އައިނު އަޅާފައި ހުރުމުން ލޯ ނުފެނުނު ނަމަވެސް މިހާރު ދެ ލޯވެސް ހުރީ ފެންނާށެވެ. އޭނާ ހީކުރި ގޮތަށް އުނައިސްގެ ލޮލުގައިވެސް އާދަޔާ ޚިލާފު ރީތިކަމެއް ހުއްޓެވެ. ދަމައިގަންނަފަދަ ބާރެއް ވެޔެވެ.

"ހައި!" މީރާ ފެނުމުންވެސް ނުފެންނަކަމަށް ހަދާފައި އުނައިސް ދާން ފެށުމުން މީރާއަށް އަނގައިން ނުބުނެ އިންނަން އުނދަގޫވިއެވެ. އެއީ މީރާގެ މިޒާޖެވެ. އޭނާއަކީ ސަކަ މިޒާޖެއްގެ އަނގަ ގަދަ ކުއްޖެކެވެ. މީހުންނާ ވަރަށް ފަސޭހައިން ގުޅުން ބަދަހިކުރެއެވެ. ނުދަންނަ މީހުންނާވެސް ވާހަކަ ދައްކަނީ ހިތްހެޔޮކަމާއެކުގައެވެ.

މީރާ ގޮވާލުމުން ބަލާލާފައިވެސް އެއްވެސް އެއްޗެއް ނުބުނެ އުނައިސް ނުކުމެގެން ދިޔައީއެވެ. އެންމެ ކުޑަމިނުން ހިނިތުންވެސް ވެނުލައެވެ. މީރާއަށް ހީވީ މީހަކު އޭނާ ފަޟީޙަތްކޮށްލިހެންނެވެ. ގަތް ލަދާއި އެއްވަރަށް ފާޑަކަށް ފޫހިވެސްވިޔެވެ.

"ފޮނި ފިރިހެނެއް. މީހާގެ ރީތިކަން އަމިއްލައަށް ފެނިފަ ހުންނަ މީހެއް." ވީ ފޫއްސެއްގެ ބޮޑުކަމުން މީރާއަށް ކުދި ކިޔުނެވެ.

އުނައިސްގެ އެ ހުންނަ މިޒާޖާމެދު ވިސްނަން އިންދާ މީރާއަށް ކުއްލިއަކަށް ޚިޔާލެއް އަޔެވެ. އެކަން ކުރެވޭނީ އުނައިސް ގޭގައި ނޫޅޭ ވަގުތެއްގައެވެ. އެ ގަޑިއަކީ އެކަން ކުރުމަށް ރަނގަޅު ވަގުތެއް ކަމުގައި މީރާގެ ސިކުނޑި ބުނެލިއެވެ. ހީވާގޮތުން އުނައިސް އެ ދިޔައީ ދުވަން ނުވަތަ ކުޅޭށެވެ. އެހެންކަމުން އުނދޯލިން ތެދުވެގެންގޮސް އޭނާ ގޭތެރެއަށް ވަނެވެ. އަދި ދައްތަމެންގެ ކޮޓަރިއާ ދިމާއަށް ބަލާލާފައި އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން މަޑުމަޑުން ސިޑިން މައްޗަށް އަރަން ފެށިއެވެ. ކުރެވެން މިއުޅެނީ ގޯސްކަމެއްކަން އެނގޭތީ މީރާގެ ހިތް ވަރަށް ބާރަށް ނެގިނެގިފައި ޖެހެއެވެ. އިރުކޮޅަކާ ފަހަތަށްވެސް ބެލެއެވެ. ދައްތައަށް އެނގިއްޖެނަމަ ވަރަށް ހިތްހަމަ ނުޖެހޭނެކަން ޔަޤީނެވެ. ނަމަވެސް އޭނާއަކީ ކުރަން ހިތުލައިފި ކަމެއް ކޮށްފައި ނޫނީ ހުއްޓާލާ ކުއްޖެއް ނޫނެވެ.

މަތީބައިގެވެސް ޖާގަ ވަރަށް ތަނަވަހެވެ. ތަންކޮޅަކަށް ހިނގާލުމުން ޖެހިޖެހިގެން ހުރި ދެ ކޮޓަރި ފެނުނެވެ. ބަލާކަށް ނުހުރެ ފުރަތަމަ ޖެހުނު ކޮޓަރީގެ ދޮރުގައި މީރާ ހިފާލިއެވެ. ދޮރު ހުރީ ތަޅު ނުލައެވެ. އެހެންކަމުން އޭނާ އަވަހަށް އެތެރެއަށް ދެމިގަތެވެ. އެއީ ތިރީގައި މީރާ ހުންނަ ކޮޓަރިއަށްވުރެވެސް ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ކިންގު ސައިޒްގެ ބޮޑު އެނދެއް ހުއްޓެވެ. ކަނާތް ފަރާތުގައި ހުރި ފާރު ފުރޭވަރުގެ ބޮޑު އަލަމާރިއެއް ހުއްޓެވެ. ވާތް ފަރާތުން ތަންކޮޅެއް ދުރުގައި ޑްރެސިންގ ޓޭބަލެއް ހުއްޓެވެ. ޑްރެސިންގް ޓޭބަލާ ޖެހިގެން ދެ ދޮރު ހުއްޓެވެ. ތަނުގެ ތަރުތީބުކަމާއި ސާފުކަމަށް ބަލާފައި އެއީ ފިރިހެން ކުއްޖަކު އުޅޭ ތަނެކޭވެސް މީހަކު ނުބުނާނެއެވެ. އާޝޯޚުވެފައި ހުރެގެން މީރާ މަޑުމަޑުން ގޮސް ޖެހިޖެހިގެން ހުރި ދެ ދޮރުން އެއް ދޮރު ހުޅުވާލިއެވެ. އެއީ ފާޚާނާއެވެ. އެތަންވެސް ބޮޑު ކޮޓަރިއެއްވަރު ވެޔެވެ. އެ ދޮރު ލައްޕާލާފައި ދެން ޖެހިގެން ހުރި ދޮރުގެ ތަޅުގައި ހިފާލިއެވެ. ނަމަވެސް އެތަން ހުރީ ތަޅުލާފައެވެ. ވިސްނާލުމުން އެއީ ޖެހިގެން ހުރި ކޮޓަރިއާއި ގުޅިފައި ހުރި ދޮރެއްކަން އެނގުނެވެ. ދެން ގޮސް މީރާ ހުއްޓިލީ ޑްރެސިންގ ޓޭބަލް ކައިރީގައެވެ. އޭގެ މަތީގައި ތަފާތު ވައްތަރުގެ ސެންޓާއި ބޮޑީ ސްޕްރޭގެ އިތުރުން ލޯޝަންތައް ހުއްޓެވެ. މީރާ އެންމެ އަޅައިގަތީ އެތަނުގައި ފިރިހެނުން ޖަހާ ދެ ވައްތެރެއްގެ ސެންޓުގެ އިތުރުން އަންހެން ކުދިންނަށް ޚާއްސަ ތިން ވައްތަރެއްގެ ސެންޓު ފުޅި ހުރުމުންނެވެ. އަދި އެވެސް މަޝްހޫރު ބްރޭންޑްތަކުގެ އަންހެން ސެންޓެވެ. އެވަގުތު މީރާގެ ހިތަށް އެތައް ސުވާލުތަކެއް އަރާ ފޭބިއެވެ. އުނައިސްއަކީ އަނެއްކާ ކޮންކަހަލަ މީހެއްބާއެވެ؟ އަންހެން ސެންޓް ގެންގުޅެނީ ކީއްކުރަންބާއެވެ؟ ދޮންތަބެ ބުނި ގޮތުންނަމަ އޭނާގެ ގާރލް ފްރެންޑެއްވެސް ނުހުރެއެވެ.

ރީތިވާ އެއްޗެހީގެ އިތުރުން އެންމެ ފަހުގެ މޮޅު ކެމެރާއެއްވެސް ޑްރެސިންގ ޓޭބަލް މަތީގައި އޮތެވެ. ވަގުތުގެ ނާޒުކުކަމުން ކެމެރާގައި ހުރި އެއްޗެއް ބަލާލާކަށް މީރާއަކަށް ނުކެރުނެވެ. ޖެހިގެން ހުރި ކޮޓަރިއަށް ދެވޭގޮތަށް އެކޮޓަރި ތެރޭގައި ދޮރެއް ހުރުމުން އެތާ ހުރީ ކޮން އެއްޗެއްތޯ ބަލާލާހިތް މާބޮޑަށްވިއެވެ. އެއީ ސްޓޯރ ރޫމެކޭ އުނައިސް ބުނި އަޑު އޭނާ އެހިއެވެ. އެހެންކަމުން އަދި އުނައިސްގެ ކޮޓަރިއަށް ފަހުން އަންނަން ނިންމާފައި އެތަނުން ނުކުތެވެ.

ކޮޓަރިން ނުކުމެ ޖެހިގެން ހުރި ކޮޓަރިއާ ދިމާއަށް އޭނާ ހިނގައިގަތީވެސް ސިއްރު ސިއްރުންނެވެ. މަޑުމަޑުން ގޮސް އެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލި އިރު ކަމަކުދާކަށް ނެތެވެ. އެތަން ހުރީ ތަޅުލާފައެވެ. އެކަމާ ވީ ފޫއްސަކުން އޭނާއަށް ޗޮކެއް ކަނޑާލެވުނެވެ. އުނައިސް އަމިއްލަ ކޮޓަރީގެ ދޮރު ތަޅު ނުލާއިރު ސްޓޯރ ރޫމް ތަޅުލާފައި އެ ހުންނަންވީ ކީއްވެބާއެވެ؟ އެތާ އަނެއްކާ މާ އަގު ބޮޑު އެއްޗެއް ހުރީހެއްޔެވެ؟ ކޮންމެއަކަސް މިވީ ގޮތުން ކޮންމެހެންވެސް އެތަނުގެ އެތެރެ ބަލާލުމުގެ ޝައުޤު މީރާގެ ހިތުގައި އުތުރި އަރައިގަތެވެ. ނަމަވެސް އެތަނުގެ ތަޅުދަނޑި ހޯދާނީ ކިހިނެއްބާއެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ