ޔޫރޮޕާ ލީގަކީ ޒުވާން ކުޅުންތެރިންނަށް ލިބޭ ރަނުގެ ފުރަޞަތެއްކަމަށް މެންޗެސްޓާރ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.
މިރޭގެ މެޗާއިބެހޭ ގޮތުން ވާހަކަ ދައްކަމުން ސޯލްޝެއާ ބުނީ، މިސީޒަންގައި ޔޫރަޕާ ލީގު ފެށީ މުބާރާތް ކާމިޔާބުކޮށް ޔުނައިޓެޑަށް ތައްޓެއް ހޯދުމުގެ ނިޔަތުގައިކަމަށެވެ. އަދި ކްލަބުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ފުރުޞަތުދީ އެކުޅުންތެރިން ތައްޔާރުކުރުމަށް ޔޫރޮޕާ ލީގު މުހިންމު ދައުރެއް ކުޅޭކަމަށްވެސް އޭނާ ބުންޏެވެ.
ސޯލްޝެއާ ބުނީ ޔޫރަޕާ ލީގުގެ ބަދަލުގައި ޗެމްޕިއަންސް ލީގުގައި މެންޗެސްޓާރ ޔުނައިޓެޑް ކުޅޭނަމަ، ހުރިހާ ވިސްނުމެއް ހުންނާނީ އެމުބާރާތް ކާމިޔާބުކުރުމަށްކަމަށާއި، އެކަމުގެ ސަބަބުން ސީޒަން ނިމިގެންދާނީ ޒުވާންކުޅުންތެރިންނަށް ފުރުޞަތު ނުދެވިކަމަށެވެ.
އެގޮތުން ސޯލްޝެއާވަނީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެންޑަން ވިލިއަމްސްއާއި މޭސަން ގްރީންވުޑް ފާހަގަކޮށްފައެވެ. އަދި ޔޫރޮޕާ ލީގުގެ ސަބަބުން ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ދީ ޓީމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދިޔަކަންވެސް ސޯލްޝެއާވަނީ ފާހަގަކޮށްފައެވެ.
ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާރ ފައިނަލްގެ މެޗުތައް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މިރޭ ދެ މެޗެއް ކުޅޭގޮތަށްވަނީ ހަމަޖހިފައެވެ. އެއްމެޗުގައި މެންޗެސްޓާރ ޔުނައިޓެޑް ނުކުންނާ ކޯޕަންހޭގަންއާއި ދެކޮޅަށެވެ. އަނެއް މެޗުގައި ބައްދަލުކުރާނީ އިންޓަރމިލާންއާއި ލެވަކޫސަންއެވެ. މިދެމެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.




