މިއަދުވެސް މެދު ރާއްޖެ ތެރެއާއި އުތުރަށް ވިއްސާރަ ވާނެ: މެޓް އޮފީސް

މިއަދުވެސް މެދު ރާއްޖެ ތެރެއާއި އުތުރަށް ވިއްސާރަ ވާނެ ކަމަށް ދިވެހި ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓު އޮފީހުން ހާމަކޮށްފައިވަނީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މެޓު އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ހާމަކޮށްފައެވެ.

މިއަދު ރާޅުގެ އުސްމިން އުޅޭނީ 4 - 6 ފޫޓާއި ދެމުދުގައި ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެން ވާކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ