އާޒިމް އާއި މިނިސްޓަރު މަހުލޫފް | ފޮޓޯ: މިހާރު

އާޒިމް މަޙްލޫފަށް: ވަޒީރަކަސް ޤާނޫނު ތަކަށް ތަބާވާން ޖެހޭނެ

ވަޒީރަކަސް ޤާނޫނު ތަކަށް ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް ކޮމިއުނިޓީ އެންޕަވަރމަންޓް އަލްފާޞިލް އަހުމަދު މަހުލޫފަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ކަންވެސް ކުރައްވާ އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވަޒީރަކަސް ނުވަތަ އާންމު ފަރުދަކަސް ޤާނޫނު ތަކުގައި ބުނާ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ. އާޒިމް އިތުރަށް ވިދާޅުވެފައިވަނީ ޤާނޫނު ތަކަށް ތަބާވާން ޖެހޭނީ އާންމު ފަރުދުން އެކަނި ނޫން ކަމަށެވެ.

އެފްއޭއެމްގެ ފުރަތަމަ ރައީސްކަންވެސް ކުރެއްވި އާޒިމްގެ ޓްވީޓުގައި ވަނީ މިދިޔަ ޖުލައި މަހުގެ 6 ވަނަ ދުވަހު މިނިސްޓަރ މަޙްލޫފަށް ފޮނުއްވެވި ސިޓީއެއްވެސް އާންމު ކުރައްވާފަ އެވެ.

މިދިޔަ ޖުލައި މަހުގެ 6 ވަނަ ދުވަހު އާޒިމް މަޙްޅުފަށް ފޮނުއްވެވި ސިޓީ އަކީ ޖުލައި 2 ވަނަ ދުވަހު ބޭއްވެވި އެފްއޭއެމްގެ އިންތިޚާބާއި ގުޅިގެން ފޮނުއްވެވި ސިޓީ އެކެވެ.

މި ސިޓީގައި އާޒިމް ފާހަގަ ކުރައްވާފައި ވަނީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތައް، ރެގިއުލޭޓްކޮށް ކުރިއަރުވައި އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ މި ދާއިރާއަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކޮށް ތަރުތީބުކުރުމަކީ ކުޅިވަރާއި ބެހޭ ވަޒީރުގެ ޒިންމާ އޮތްކަމެއްކަމުގައި ދޭކޭ ކަމަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖުލީހުން ވަކިގޮތަކަށް ކަމެއްކުރުމަށް އަންގާފައިވަނިކޮށް، ދައުލަތުގެ ދެ ބާރަށް ގޮންޖަހާ، ގާނޫނީ ދައުލަތް މި ރާއްޖޭގައި ހިގަމުންދާކަން ދެއްކުމުގެ ސިޔާސީ ޙަރަކާތެއްގެ ގޮތުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން 2 ޖުލައި 2020 ވަނަ ދުވަހު ބޭއްވި އިންތިޚާބީ ކޮންގްރެސްގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އެ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދާއިވެސް ޚިލާފަށް ކަމަށެވެ.

އެފްއޭއެމްގެ ހިންގާ ގަވާއިދަށް އިސްލާހު ހުށައެޅޭނީ ހަމައެކަނި މެމްބަރު ކްލަބްތަކުން ނުވަތަ ހިންގާ ކޮމިޓީގެ ފަރާތުންކަމަށާއި މިގޮތުން އެފްއޭއެމްގެ މެމްބަރެއްގެ ފަރާތުން އިސްލާހެއް ހުށައަޅަނީނަމަ، އެ އިސްލާހެއް ސައްހަ ކަމަށް ބެލެވޭނީ ތިން ބައި ކުޅަ އެއްބައި މެމްބަރުން ލިޔުމުން އެ އިސްލާހަކަށް ތާއިދުކޮށްފައިވާނަމަ ކަމަށް އާޒިމް ވަނީ އެ ސީޓިގައި ފާހަގަކޮށްފައެވެ.

ކޮންގްރެސް ފެށުމުގެ 30 ދުވަސްކުރިން ލިޔުމުން އެފްއޭއެމްގެ ސެކްރެޓޭރިއޭޓަށް ހުށައަޅަން ޖެހޭކަމަށާއި، މިގޮތުން އެފްއޭއެމްގެ މެމްބަރުންވެސް އަދި ހިންގާ ކޮމިޓީގެ ފަރާތުންވެސް އެއްވެސް އިސްލާހެއް ހުށައަޅަން ގަސްތުކުރާނަމަ ކޮންގުރެސްގެ އެޖެންޑާ ފައިނަލް ކުރުމުގެ ކުރިން އެ އިސްލާހެއް ހުށައެޅުމަށާއި އެފަދައިން ހުށަހެޅޭ އެންމެހާ އިސްލާހުތައް އެފްއޭއެމްގެ އެންމެހާ މެމްބަރުންނަށް ކޮންގުރެސް ފެށުމުގެ 10 ދުވަސް ކުރިން ހިއްސާކުރުމަށް، ހިންގާގަވާއިދުގެ 27 ވަނަ މައްދާގައި ބަޔާންކޮށްފައިވާކަން އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.

އެފްއޭއެމްގެ ހިންގާ ގަވާއިދު އިސްލާކޮށްފައިވަނީ ދިވެހިރާއްޖޭގެ "ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު" 16 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބުނާ "ހިންގާ ގަވާއިދު ބަދަލުކުރުން" މާއްދާއާއިވެސް މުޅިން ހިލާފަށްކަމަށް އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ވާދަވެރި ގޮތުގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެ ފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ، ކަނޑައެޅިފައިވާ އުސޫލުން އަމަލު ނުކުރާ ފަރާތްތަކާމެދު އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންޖެހޭނޭ ކަމަށް އޮތްއިރު އެ ކަންކޮށްފައިނުވުމުން އެ ފަދަ ފަރާތްތަކާއި ގާނޫނީ ފިޔަވަޅު އެޅުއްވުމަކީ ކުޅިވަރާއި ބެހޭ ވަޒީރު މަޙްލޫފުގެ ގާނޫނީ ޒިންމާއެއްކަންވެސް އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.

އެފްއޭއެމް ހިންގަންޖެހޭނީ ދިވެހިރާއްޖޭގެ ކަމާގުޅޭ ގާނޫންތަކާ ގަވާޢިދުތަކާ އެއްގޮތަށް ކަމަށާއި މިކަން މިގޮތަށް ނުދާނަމަ އެމައްސަލަ ފީފާގެ ސަމާލުކަމަށް ގެނެސް އެކަން ރަނގަޅުކުރުމަކީ ވެސް ކުޅިވަރާއި ބެހޭ ވަޒީރު މަޙްލޫފުގެ ޒިންމާއެއްކަމަށް އާޒިމް ވިދާޅުވެފައި ވެއެވެ.

2 ޖުލައި ގައި އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ބާއްވާ ނިންމާފައިވަނީ ގާނޫނާ، ގަވާއިދާ އަދި އެސޯސިއޭޝަންގެ ހިންގާ ގަވާއިދާވެސް ހިލާފަށް ކަމަށްވާނަމަ، އެ މައްސަލަ ބައްލަވާ އެ އިންތިހާބަކީ ބާތިލް އިންތިހާބެއްކަމުގައި އިއުލާނުކުރުމަކީ މިރާއްޖޭގައި ގާނޫނީ ދައުލަތް ހިގަމުންދާކަން ދެއްކުމަށްޓަކައިވެސް މުހިންމުކަމެއް ކަމުގައި ދެކޭ ކަމަށްވެސް އާޒިމް ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ