އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އަހަރަކު އެއްފަހަރު ހުށައަޅަންޖެހޭ މާލީ ބަޔާން މިދިޔަ އަހަރު ހުށައެޅިފައި ނުވަނީ މާލީ ބަޔާނުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ނުލިބުމުގެ ސަބަބުން ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޙުސައިން ޝަމީމް މިހެން ވިދާޅުވެފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަ ކޮށްފައިވަ މަޢުލޫމާތުތަކުގައި ދަޢުލަތުގެ އިސް މަޤާމްތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށައަޅާފައި ނުވާކަން ހާމަކުރެއްވުމާއި ގުޅިގެންނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަ ކުރި މި މަޢުލޫމާތާއި ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވެފައި ވަނީ މާލީ ބަޔާނަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
މަލީ ބަޔާން ހުށައެޅިފައި ނުވަނީ މި ބަޔާނުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ނުލިބުމުން ކަމުގައި ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި މި މަޢުލޫމާތު ލިބުނުހާ އަވަހަކަށް މާލީ ބަޔާން ހުށައަޅާނެ ވާހަކަ އޮޑިޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމުގައިވެސް ޝަމީމް ވިދާޅުވެފައި ވެއެވެ. ޝަމީމް އިތުރަށް ވިދާޅުވެފައި ވަނީ މާލީ ބަޔާން އާންމު ކުރައްވާނެ ކަމަށެވެ.
މާލީ ބަޔާނުގައި ހިމަނަންޖެހޭ ބައެއް މަޢުލޫމާތު ނުލިބުމުގެ ސަބަބުން، މާލީ ބަޔާން ހުށަހެޅިފައި ނުވާ ވާހަކައާއި، އެމަޢުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރާކަމަށާއި، ލިބުނުހާ އަވަހަކަށް ބަޔާން ހުށަހަޅާނެ ވާހަކަ އޮޑިޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ. ބަޔާން ޢާންމު ކުރާނަން.
— Hussain Shameem (@HuShameem) August 11, 2020
މިހާރު މަޤާމްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅުއްވާ ފަރާތްތަކުގެ ތެރޭގައި ޕީޖީ ޝަމީމްގެ އިތުރުން ދެން ހިމެނި ވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރުއާއި، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއާއި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީންއެވެ.
މީގެ އިތުރުން މި ސަރުކާރުގެ ކުރީގެ ބައެއް މިނިސްޓަރުންވެސް މާލީ ބަޔާން ހުށަނާޅުއްވާކަން ވަނީ ފާހަގަ ވެފައެވެ. އެގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރ އާމިނަތު އާތިފާވެސް މާލީ ބަޔާން ހުށައަޅުއްވާފައެއް ނުވެއެވެ.



